ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ދަށަށް ގެންގޮސް، ގާތްގަނޑަކަށް 150އެއްހާ ވޭޕާއި، ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖް ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި، ދެ އުޅަނދެއް ބަލައި ފާސްކުރި ކަމަށެވެ.
މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖު ފެނުނު ކަމަށާއި، އަދި ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން އެއް ގޭގެ އެޕާޓްމަންޓަކުން 59 ވޭޕާއި، ވޭޕް ކާޓްރިޖު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެކަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ވޭޕު ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ދަށަށް ގެންދިޔަ ނަމަވެސް، މި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކަސްޓަމްސްއިން މިދިޔަ މަހުގެ 20ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ވޭޕްކުރުމާއި އެ ތަކެތި ގެންގުޅުން މަނާކުރިތާ އަހަރެއް ތެރޭގައި، ރާއްޖެ އެތެރެކުރަން އުޅުނު އެ ޒާތުގެ 53،000އަށް ވުރެ ގިނަ ތަކެތި ހިފަހައްޓާފައިވެއެވެ.
ސަރުކާރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި އެތަކެތި ރާއްޖޭގައި ގެންގުޅުން މަނާކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު 15ގައެވެ.
އެހެންކަމުން އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެފަދަ މައްސަލަތަކުގައި ނިމުނު އޮކްޓޫބަރު މަހުގައި ވަނީ، 35 މީހަކު 226،000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކޮށްފައެވެ.
ވޭޕް ކުރުން މަނާކުރުމުގެ އިތުރަށް، ސަރުކާރުން ވަނީ، ދުންފަތާ ދެކޮޅަށް އިތުރު ފިޔަވަޅުތައް ވެސް އަޅާފައެވެ، މިގޮތުން، 2007 ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް މި މަހުން ފަށައިގެން ވަނީ، ސިނގިރޭޓު މަނާކޮށްފައެވެ. އޭގެކުރިން ދުންފަތުން ނަގާ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.