ދެ އާޒިމްގެ މަސައްކަތް ފެނިއްޖެ، ހޮވަންވީ އެމްޑީޕީގައި ކޮޅުފައިން ޖަހާފައި ދިޔަ އާޒިމެއް ނޫން: ހުސައިން

ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް: ވިދާޅުވީ ދެ އާޒިމްގެ މަސައްކަތް ވެސް ފެނިވަޑައިގެންފި ކަމަށް ---

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްއާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ ވެސް މަސައްކަތް ފެނިވަޑައިގެންފި ކަމަށާއި، އޭގެ ތެރެއިން އެމްޑީޕީގެ ޕްރައިމަރީން ހޮވަންވީ އެމްޑީޕީ ހާލުގައި އޮތް ދުވަހު "ކޮޅުފައިން ޖަހައިފައި ދިޔަ" އާޒިމްތޯ، ނޫނީ އެ ޕާޓީ "ހިފައިގެން ކުރިއަށް ދިޔަ" އާޒިމްތޯ، އެމްޑީޕީ ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ހުސައިން އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި "ދެންވެސް އާދަމް އާޒިމް"ގެ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ، ބަދަލެއް ގެންނަން ވިސްނާއިރު ކުރިމަތީގައި އޮތީ "ބަނބުކޭލަކާއި އާފަލެއް" ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މޭޔަރުކަމަށް ނެރޭ ކެންޑިޑޭޓަކީ އެ ޕާޓީގެ މޭޔަރަކަށް ވާ ވަރުގެ ކެންޑިޑޭޓަކަށް ވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އާދަމް އާޒިމްގެ މަސައްކަތް މިހިރީ ފެނިފަ، އަޅުގަނޑުމެންނަށް އަލީ އާޒިމްގެ މަސައްކަތްވެސް ހުރީ ފެނިފަ،" ދެ އާޒިމް އަޅާކިޔުއްވައި އޭނާ ވިދާޅުވިއެވެ.

ފަނަރަ އަހަރު ދުވަހު މަޖިލީސްގަ [އަލީ އާޒިމް] އިންނެވިއިރު ހުށަހެޅި އެންމެ ބިލެއް ނެތް، ދެން އަޅުގަނޑުމެން ވިސްނަންޖެހޭ އަނެއް ކަމަކީ ހާލުގަ ޖެހުނު ދުވަހު ގޮސް ކޮޅުފައިން ޖަހާފަ ދިޔަ މީހާތޯ، ހާލުގަ ޖެހުނު ދުވަހު އަޅުގަނޑުމެން ގައިގަ ހިފައިގެން ކުރިއަށް ދިޔަ މީހާތޯ އަޅުގަނޑުމެން ބަހައްޓާނީ،ހުސައިން އިސްމާއީލް - ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު

ހުސައިން އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި އެންމެ ހީވާގި އެންމެ އަދި އިޚުލާސްތެރި މެނޭޖިން ޑިރެކްޓަރަކީ އެމްޑަބްލިއުއެސްސީއަށް ފަހު ހަމަ އެ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާދަމް އާޒިމް ކަމަށެވެ.

އާޒިމްގެ ކުރިން ވަޑައިގެންނެވި މޭޔަރުންނަށް ފާޑުވިދާޅުވެ ހުސައިން ވިދާޅުވީ، މާލޭގައި ފެންނަން އޮތީ އެ މޭޔަރުންގެ ދައުރުގައި ބައިކުޅަބައިގައި ކުރި މަސައްކަތް ކަމަށާއި، އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގާތްގަނޑަކަށް ދެ އަހަރު ކުރެއްވި މަސައްކަތް ފެންނަން އެބަ އޮތް ކަމަށެވެ.

"މިހާތަނަށް އައިއިރު މާލޭ ސިޓީ ކައުންސިލް އޮޑިޓްކޮށްލަން ކެރިވަޑައިގެންނެވި މޭޔަރެއްވެސް ނާދޭ އާދަމް އާޒިމް ނޫނިއްުޔަކާއެއް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/214904

އެހެންކަމުން އާޒިމަށް މޭޔަރުކަމުގެ ފުރިހަމަ ދައުރެއް ދޭން ޖެހޭ ކަމަށް ހުސައިން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިހަ އަހަރު ތެރޭގައި ނުކުރެވުނު މަސައްކަތް ދޮޅު އަހަރުން ކޮށްފި ކަމަށް ވިދާޅުވެ، ދެން ވެސް މޭޔަރަށް އިންތިޚާބުކޮށްދޭން ވޯޓު ދިނުމަށް އާދަމް އާޒިމް ރޭ ވަނީ އެދިވަޑައިގެންފައެވެ. މާލޭގެ މޭޔަރަކަށް އިންތިޚާބުވީ ފަހުން 190 މިލިއަން ރުފިޔާގެ ބަޖެޓުން ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް