ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ސްރީ ލަންކާއަށް އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު މިހާތަނަށް ލިބުނުއިރު އޭގެ ތެރެއިން 2.4 މިލިއަން ޑޮލަރު ހަދިޔާކޮށް، އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެއިންކަން އެ ގައުމުން ހާމަކޮށްފިއެވެ.
ލަންކާގެ ނޫހެއް ކަމަށްވާ 'ސިލޯން ޓުޑޭ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތޫފާން 'ދީތުވާ' ގައި ސްރީލަންކާއަށް ކުރިމަތިވި ގެއްލުންތަކާ ގުޅިގެން އެކި ގައުމުތަކާއި، ބައިނަލްއަގުވާމީ އިދާރާތަކާއި، އަމިއްލަ ފަރާތްތަކުން މާލީ އެހީގެ ގޮތުގައި 6.59 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ގައުމަށް ވަނީ ލިބިފައެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ދިވެހިރާއްޖެއިން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ދިވެހިރާއްޖެއިން އެކަނި 2.4 މިލިއަން ޑޮލަރު އެހީގެ ގޮތުގައި އެ ގައުމަށް ވަނީ ލިބިފައެވެ.
ދިވެހި ސަރުކާރުން 50،000 ޑޮލަރު ހަދިޔާކުރިއިރު، ގައުމީ ފެންވަރުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ގިނަ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ 'ސިލޯނާއެކު ދިވެހީން' ޓެލެތޯނުން އެކަނި ވެސް ވަނީ އަށް ލައްކަ ޑޮލަރު އެހީގެ ގޮތުގައި ހޯދައިފައެވެ. އޭގެ އިތުރުން ވެސް އަމިއްލަ ވިޔަފާރިތަކާއި އާއްމު ފަރާތްތަކުގެ އެހީއާއެކު 2.4 މިލިއަން ޑޮލަރު ރާއްޖެއިން އެހީގެ ގޮތުގައި ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާއްޖޭގެ އިތުރުން ދެން އެ ގައުމަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ އެމެރިކާއިންނެވެ. އެމަޖެންސީ އެއިޑްގެ ގޮތުގައި އެ ގައުމުން ދެ މިލިއަން ޑޮލަރު ދިން އިރު ޗައިނާއިން ވަނީ 1.1 މިލިއަން ޑޮލަރު ދީފައެވެ.
ސްރީ ލަންކާ އަލުން އާރާސްތުކުރުމަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތޫފާން ދިތުވާގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހީރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ވަނީ އިއްޔެ ހަވީރު ބޮޑު އެއްވުމެއް ވެސް ބާއްވައިފައެވެ. ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖެއާއި، ލަންކާގެ ދިދަތަކާއި، ޝުކުރުގެ އެކި ބެނާތަކާއެކު އެތައް ބަޔަކު ވަނީ ދިވެހީންނަށް ޝުކުރުވެރިވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ރާއްޖެއަކީ އެ މީހުންނަށް ވަރަށް ގާތް ގައުމެއް ކަމަށް ވެސް ލަންކާ ރައްޔިތުން އައީ ބުނަމުންނެވެ.
ފައިސާގެ އެހީގެ އިތުރުން ރާއްޖެއިން ވަނީ 25،000 މަސްދަޅު ކޭސް ލަންކާއަށް އެހީގެ ގޮތުގައި ހަވާލުކޮށްފައެވެ.
ލަންކާއަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެރި ބާރުގަދަ ތޫފާން 'ދީތުވާ' ގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ 1.1 މިލިއަނަށް އަރާފައެވެ. ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު ވަނީ 500އާ ގާތް ކުރާ ވަރަށް އުފުލިފައި ކަމަށް ލަންކާ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން ހާމަކުރެއެވެ.
އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، 360އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. ބޮޑަށް އަސަރުކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި މީހުން ހޯދުމާއި، ސަލާމަތްކުރުމާއި، ރިލީފް އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށްވެސް ޑީއެމްސީން ބުނެއެވެ.