މަޝްހޫރު ވެބް ސީރީސް ކަމަށްވާ "އާރްޔާ" އަދި "ދަ ނައިޓް މެނޭޖާ"ގެ ޑައިރެކްޓަރު ސަންދީޕް މޯދީގެ ފުރަތަމަ ބޮލީވުޑް ފިލްމު އެކްޓަރު ކާތިކް އާރްޔަންއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއާ ގުޅިގެން ސަންދީޕް އުފައްދަން ނިންމާފައިވާ ހަނގުރާމަމަތީ ފިލްމެކެވެ. އަދި ރަސްމީކޮށް އިއުލާނު ނުކުރާ މި ފިލްމުގެ މަސައްކަތް އަންނަ އަހަރުތެރޭ ފަށަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ސަންދީޕް ޑައިރެކްޓްކޮށް ގެނެސްދީފައިވާ ވެބް ސީރީސް "އާރްޔާ" އަކީ 2021ގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްއަށް ވެސް އިންޑިއާއިން ނޮމިނޭޓްކޮށްފައިވާ ސީރީސްއެކެވެ. އެހެންވެ ކާތިކްއާ އެކު ސަންދީޕް އުފައްދަން އުޅޭ ފިލްމަށް ބެލުންތެރިންގެ މަގުބޫލުކަން ލިބޭނެކަމާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ދަރުމާއިން ވަނީ ބުނެފައެވެ.

ކާތިކްގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ކާތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އިންނެވެ.
ބަތަލާ އަނަނިޔާ ޕާންޑޭއާ އެކު ކާތިކް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ. މިއީ ކާތިކް މަސައްކަތްކުރި ފުރަތަމަ ދަރުމާ ފިލްމުވެސްމެއެވެ.
ސަންދީޕް މޯދީއާ އެކު ކާތިކް މަސައްކަތްކުރާ ފިލްމުގެ އިތުރުންވެސް ކާތިކް ވަނީ ދަރުމާގެ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި ވަރަށް އަވަހަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ނާގްޒިއްލާ" ވެސް ހިމެނެއެވެ.