މަޝްހޫރު ޓެލެވިޒަން ޑްރާމާ "ކިއުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ މުހިއްމު ރޯލަކުން ބެލުންތެރިންގެ ސަމާލުކަން ލިބުނު ޖަޔާ ބައްޓަޗަރުޔާގެ ކުޑައިރުގެ ދުވަސްތަކަކީ ވަރަށް ވޭންހުރި، ހިތި ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެއްގެ ގޮތުގައި ބަތަލާ ސިފަކޮށްފިއެވެ.
ޓެލެވިޒަން އަދި ރޭޑިއޯ ހޯސްޓް ސިދާތު ކަނަންއާ އެކު ކުރިއަށްދިޔަ ޝޯއެއްގައި ވާހަކަ ދައްކަމުން ޖަޔާ ބުނީ ކުޑައިރުގެ ހަނދާންތަކަކީ އުފާވެރިކަން މޫނަށް ގެނެސްދޭ ކަހަލަ ހަނދާންތަކެއް ނޫން ކަމަށެވެ.
އެގޮތުން ޕާޔަލް އުފަންވުމަކީ ވެސް އޭނާގެ އާއިލާއަށް މާޔޫސްކަން ގެނުވި ކަމެއް ކަމަށާއި އޭގެ އަގު އުމުރުން ވަރަށް ޅައިރު އަދާކުރި ކަމަށެވެ. ގޭތެރެއިން ޖަޔާއަށް ލިބެމުންދިޔަ އަނިޔާތަކުގެ ތަފުސީލަށް ދަމުން ބަތަލާ ބުނީ އޭރަކު އަތުޖެހުނު އެއްޗަކުން އޭނާއަށް މަންމަގެ ފަރާތުން އަނިޔާ ލިބުނު ކަމަށެވެ.

ޖަޔާ ވެބް ސީރީސް "ދެއްލީ ކްރައިމް"ގެ މަންޒަރެއްގައި ބަތަލާ ޝިފާލީއާ އެކު--ފޮޓޯ/ޕިންކްވިލާ
އެހެންވެ ބޮޑުވަމުން އައިއިރު އޭނާއަށް ވަރަށް ގޯސް އާދަތައް ދަސްވި ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކުޑައިރު އުޅެ ބޮޑުވި މާހައުލަކީ ވޭނުން ފުރިފައިވާ, އެއްވެސް ރަހުމެއްނެތް "ޓޮކްސިކް" މާހައުލަކަށްވުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އޭނާއަށް ފިލްމީ ދާއިރާއަށް ވެސް ވަދެވުނީ އެކަމަށް ބޭނުންނުވެ ހުއްޓާ ކަމަށާއި އެކްޓިންގް ކެރިއަރު ފުރަތަމަ ފެށީ ނެށުމާއި ލަވަކިޔުމުގެ ރޯލްތަކުން ކަމަށް ޖަޔާ ވަނީ ބުނެފައެވެ.
ޖަޔާއަށް އެންމެ ފުރަތަމަ ލިބުނީ ޓެލެފިލްމަކުން ނަށާ އަންހެނެއްގެ ރޯލް ކަމަށާއި އޭގެފަހުން ފިރިހެނެއްގެ ރޯލް ކުޅެން ފުރުސަތު ލިބުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެ ކެރެކްޓާ ބަތަލާ ލައްވާ ކުޅުވީ ވެސް ބައްޕަ ގަދަކަމުން ކަމަށާއި އޭރު އަމިއްލައަށް ކަންކަން ނިންމުމުގެ އެއްވެސް އިޚުތިޔާރެއް ނޯންނަކަމަށް ޖަޔާ ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެ ހުރިހާ ކަމެއް ތަޖުރިބާކުރުމަށްފަހު ކައިވެންޏާމެދު އޮތް އިތުބާރު ގެއްލި ޒަވާޖީ ހަޔާތެއް ފަށަން ޝައުގުވެރިނުވާ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.
ޓެލެވިޒަން ދާއިރާއިން ލިބުނު މަޝްހޫރުކަމާ އެކު ޖަޔާ އަކީ މިއަދު ފިލްމުތަކުންނާއި ބައެއް ވެބް ސީރީސްތަކުން ވެސް ފެންނަ އެންމެ މަގުބޫލު އެއް މޫނެވެ. ޖަޔާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދާދިފަހުން ނެޓްފްލިކްސްގައި ޕްރީމިއާކުރި ވެބް ސީރީސް "ދެއްލީ ކްރައިމް"ގެ އެންމެ ފަހު ސީޒަންއިންނެވެ.