އިންޑިއާގެ ކުރީގެ ބަތަލާ އަދި މިހާރު ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ޖަޔާ ބައްޗަންގެ ފުރަތަމަ މާމަ ދަރިފުޅު ނާވްޔަ ނަންދާ ނަވޭލީ ކައިވެނި ކުރަން އެއްގޮތަކަށް ވެސް ނޭދޭ ކަމަށް ބަތަލާ ބުނެފިއެވެ.
ދާދިފަހުން މުމްބާއީގައި ކުރިއަށްދިޔަ މީޑިއާ އިވެންޓެއްގައި ދެކެވުނު ވާހަކަތަކަކާ ގުޅިގެން ޖަޔާ ބުނެފައި ވަނީ ކައިވެންޏަކީ މިހާރު މާ މުސްކުޅި "އައުޓްޑޭޓެޑް" އިންސްޓިޓިއުޝަނެއް ކަމަށެވެ. އެހެންވެ މާމަ ދަރިފުޅު ނާވްޔާ ކައިވެންޏެއް ކުރަން އެއްގޮތަކަށް ވެސް ބޭނުންނުވާ ކަމަށް ޖަޔާ ވަނީ ބުނެފައެވެ.
ޖަޔާ ފާހަގަކުރި ގޮތުގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން އޭނާ، އަމީތާބް ބައްޗަންއާ ކައިވެނި ކުރިއިރު އެ ކައިވެނި ރަޖިސްޓްރީކޮށް ރަސްމީ ލިޔުންތަކުގައި ސޮއިކުރާކަން ވެސް ނޭނގެއެވެ.

ޖަޔާ ބައްޗަން ފިރިމީހާ އަމީތާބް ބައްޗަންއާ އެކު--ފޮޓޯ/ޖީކިއުއިންޑިއާ
އެކަންކުރީ ދެ މީހުންގެ ކައިވެންޏަށް އެތައް އަހަރުތަކެއްވީ ފަހުން ކަމަށާއި ދެ މީހަކު އެކީގައި ދިރިއުޅުމަށް ކޮންމެހެން ގާނޫނީ ލިޔެކިޔުމެއް ބޭނުންވާ ކަމަށް ގަބޫލުނުކުރާ ކަމަށް ޖަޔާ ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން އެކްޓަރު އަދި ފިރިމީހާ އަމީތާބް ބައްޗަންގެ ޚިޔާލު އަހާލިންތޯ ޖަޔާކުރެން ސުވާލުކުރުމުން ބުނެފައި ވަނީ އެކަމާ ގުޅޭގޮތުން އަދި އަމީތާބްއާ ވާހަކަ ނުދައްކާ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގެ ގޮތުގައި، ޖަޔާއާ ކައިވެނި ކުރެވުނު މޮޔަ ހިތަށް އަރާފައިވާ ކަމަށް އަމީތާބް ބުނެފާނެތީ އެކަމާ ބިރުގަންނަ ކަމަށް ވެސް ޖަޔާ ވަނީ ބުނެފައެވެ.
ކައިވެންޏާ މެދު ޖަޔާ ފަދަ ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރެއްގެ ޚިޔާލު މިގޮތަށް ފާޅުކުރުމުން ގިނަ ބަޔަކު ވަނީ ބަތަލާއަށް ފާޑުކިޔާފައެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ބޮލީވުޑްގައި މިހާރުވެސް ގިނައީ ކައިވެންޏެއްކޮށް އުފަލުގައި ނޫޅޭ ދެމަފިރިންނެވެ.
ފިލްމު އިންޑަސްޓްރީއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ޖަޔާގެ މާމަ ދަރިފުޅު, އުމުރުން 28 އަހަރުގެ ނާވްޔާ އަކީ އަމިއްލަ އެންޖީއޯއެއް ހިންގަމުން އަންނަ ޒުވާން ވިޔަފާރިވެރިއެކެވެ.
ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ނާވްޔާ ބޭނުންވަނީ އޭނާގެ ބައްޕަ ނިކިލް ނަންދާގެ އާއިލީ ވިޔަފާރި ހިންގުމުގައި އެހީތެރިވާށެވެ. ނިކިލް ނަންދާ އަކީ އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާ ކަޕޫރު ޚާންދާނަށް ނިސްބަތްވާ މެމްބަރެކެވެ.