ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށް ސިޔާމް ވޯލްޑް ތާރީހުގެ ތެރެއަށް

ސިޔާމް ވޯލްޑުގައި ބޭއްވި ސްނޯކަލް ވޯލްޑް 300 އިވެންޓު ފުރިހަމަކުރުމާއެކު ސިޔާމް ވޯލްޑާއި ފްރީ ޑައިވް މޯލްޑިވްސް ގެ އިސްވެރިން-- ސަން ފޮޓޯ: މުހައްމަދު އަފްވާން

އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނާއެކު ރިސޯޓެއްގައި ފީނައިގެން ދުނިޔޭގެ ރިކޯޑެއް ގާއިމުކުރި ފުރަތަމަ ތަނަކަށް ރާއްޖޭގެ ސިޔާމް ވޯލްޑް ވެއްޖެއެވެ.

މި ޝަރަފް ސިޔާމް ވޯލްޑަށް ލިބުނީ "ސްނޯކަލް ވޯލްޑް 300" ގެ ނަމުގައި މިއަދު ހެނދުނު ބޭއްވި އިވެންޓާއެކު އެވެ.

ސިޔާމް ވޯލްޑްގެ ރިސޯޓުގެ މެނޭޖަރު އައުސަމް ވަސީމް (އައުސީ), ވޯލްޑް ރެކޯޑް ސެޓްފިކެޓާ ހަވާލުވެލައްވަނީ--- ސަން ފޮޓޯ: މުޙައްމަދު އަފްވާން

ފްރީ ޑައިވް މޯލްޑިވްސްއާއި ގުޅިގެން ބޭއްވި މި އިވެންޓުގައި 13 ރަށަކުން ވަނީ މީހުން ބައިވެރިވެފައެވެ. އެގޮތުން ނ. އަތޮޅާއި ބ އަތޮޅުގެ އިތުރުން ހއ. އަދި ހދ. އިންވެސް ބައިވެރިން ވަނީ މި ރެކޯޑުގައި ބައިވެރިވެފައެވެ.

މި ރެކޯޑުގެ ޓާގެޓަކީ ޖުމްލަ 250 އަށްވުރެ ގިނަ މީހުންނެވެ. ނަމަވެސް އާންމުންގެ ބޮޑު ތަރުހީބަކާއެކު މި ރެކޯޑު ނިންމާލީ ޖުމްލަ 307 ބައިވެރިންނާއެކު އެވެ.

ސިޔާމް ވޯލްޑުގައި ބޭއްވި ސްނޯކަލް ވޯލްޑް 300 އިވެންޓުގެ ބައިވެރިން -- ސަން ފޮޓޯ: މުހައްމަދު އަފްވާން

އިވެންޓު އިންތިޒާމުކުރި ފްރީ ޑައިވް މޯލްޑިވްސްއިން މި އިވެންޓުގައި އިސްކޮށް ހަރަކާތްތެރިވި ފަހުދު ފާއިޒް ވިދާޅުވީ މި އިވެންޓު ކާމިޔާބުކަމާއެކު ނިންމާލެވުނީ ސިޔާމް ވޯލްޑުން ދިން ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ނިންމާލި ކާމިޔާބު މަސައްކަތެއް ކަމަށް ވެސް ފަހުދު ވިދާޅުވިއެވެ.

ސިޔާމް ވޯލްޑަކީ އަބަދުވެސް ރިސްކު ނަގައިގެން ތަފާތު ދައްކަން މަސައްކަތްކުރާ މެނޭޖްމަންޓެއްް އޮތް ތަނެއްކަން ފާހަގަކޮށް ފަހުދު ވިދާޅުވީ މި އިވެންޓު ބާއްވަން ފަސޭހަވީވެސް ސިޔާމް ވޯލްޑާއި ފްރީ ޑައިވް މޯލްޑިވްސްގެ ވިސްނުން އެއްގޮތްވުމުން ކަމަށެވެ.

އިވެންޓު ނިމުމާއެކު ހުރިހާ ބައިވެރިންނަށް ވަނީ ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ މެޑަލްވެސް ދީފައެވެ. މިއީ ރާއްޖޭގައި ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ރަން މެޑަލް ރާއްޖޭގައި ބޭއްވި އިވެންޓަކުން ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް