ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގެ ހައިވޭ ނެޓްވޯކަށް ގާތްގަނޑަކަށް 190 ބިލިއަން ރުޕީސް (616 މިލިއަން ޑޮލަރު، 9.55 ބިލިއަން ރުފިޔާ)ގެ ގެއްލުން ލިބިފައިވާ ކަމަށް އެ ގައުމުގެ ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީ، އާރްޑީއޭ އިން ބުނެފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީ (އާރުޑީއޭ)ގެ ޑިރެކްޓަރު ޖެނެރަލް ވިމާލް ކަންދަމްބީއާ ހަވާލާދީ ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 190 ބިލިއަން ރުޕީސްއަކީ ހައިވޭ ނެޓްވޯކަށް ލިބުނު ގެއްލުމުގެ އަންދާޒާކުރެވޭ މިންވަރެވެ. ނަމަވެސް އެކްސްޕްރެސްވޭތަކަށް މިފަހަރު މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ތޫފާންގެ ސަބަބުން ކުރި ވިއްސާރައިގައި ކެންޑީ އާއި ލަންކާގެ އެހެން ސަރަހައްދުތަކާ ގުޅިފައި އޮތް ހައިވޭ ހަލާކުވެފައިވާއިރު، ސިޓީއާ ގުޅިފައިވާ އެހެން ހައިވޭތަކަށްވެސް ގެއްލުން ލިބިފައިވެއެވެ.

ވެރިރަށް ކޮލޮމްބޯގެ މަގެއްގައި ފެންބޮޑުވެފައި -- ފޮޓޯ/އޭޕީ
ސިލޯނު އިލެކްޓްރިސިޓީ ބޯޑު (ސީއީބީ)އިން މިހާރު އަންނަނީ ޓްރާންސްމިޝަން ލައިންތަކާއި ގްރިޑް ސްޓޭޝަންތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ. ލަންކާގެ ފެންހިންދުމުގެ ނިޒާމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ތޫފާން 'ދީތުވާ'ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ފައިސާ ހޯދުމުގެ ގޮތުން ރިޔާސީ ސެކްރެޓޭރިއަޓްގެ ދަށުން ގާނޫނީ ނިޒާމެއްގެ ގޮތުގައި 'ލަންކާ އަލުން ބިނާކުރުން' ފަންޑު އުފެއްދުމަށް ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވަނީ ކެބިނެޓްގެ ރުހުން ހޯއްދަވާފައެވެ.
ރައީސް ޑިސަނަޔަކަ ވަނީ، ލަންކާއަށް ލިބުނު ގެއްލުންތަކާއި އަލުން އާރާސްތު ކުރުމަށް މާލީ ގޮތުން ބޭނުންވާ ކަންކަމުގެ ތަފުސީލީ އެސެސްމަންޓެއް ތައްޔާރު ކުރުމަށް ވޯލްޑް ބޭންކާ އެކު ސަރުކާރުން މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ލަންކާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ -- ފޮޓޯ/ބީބީސީ
ވޯލްޑް ބޭންކުން ގްލޯބަލް ރެޕިޑް ޕޯސްޓް ޑިޒާސްޓާ ޑެމޭޖް އެސްޓިމޭޝަން (ގްރޭޑް) ވެސް ކުރިއަށް ގެންދާނެއެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް ދެ ހަފުތާގެ ތެރޭގައި ގްރޭޑް އެސެސްމަންޓްގެ މަސައްކަތް ނިމޭނެއެވެ.
ލަންކާއަށް މި މަހުގެ 27 ވަނަ ދުވަހު އެރި ބާރުގަދަ ތޫފާން 'ދީތުވާ'ގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ 1.1 މިލިއަނަށް އަރާފައެވެ.
ފެންބޮޑުވެ، ތަންތަން ހަލާކުވެ، އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ލަންކާއިން ވަނީ ބުނެފައެވެ.
ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 479 އަށް އަރާފައިވާއިރު، ގެއްލުނު މީހުންގެ އަދަދު ވަނީ 350އަށް އަރާފައެވެ.