އަންނަ އަހަރު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ބޮލީވުޑްގެ ފިލްމު "ބޯޑާ 2"ގައި ދިލްޖީތު ދޮސާންޖް ކުޅޭ ކެރެކްޓާ ދައްކާލައިފިއެވެ.
މި ފިލްމަކީ 1997 ވަނަ އަހަރު ގެނެސްދިން ހަނގުރާމަމަތީ ފިލްމު "ބޯޑާ"ގެ ދެވަނަ ބައެވެ. އަންނަ ޖަނަވަރީ މަހުގެ 23ގައި ސިނަމާތަކަށް ދޫކޮށްލާ މި ފިލްމަކީ ޑައިރެކްޓަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސްއާއި ބުޝަން ކުމާރުގެ ޓީ-ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުގެ މުހިއްމު ރޯލުން ފެންނާނެ އެކްޓަރުންގެ ތެރޭ ހިމެނޭ ސަނީ ޑިއޯލްއާއި ވަރުން ދަވަންގެ ކެރެކްޓާ ތަންކޮޅެއް ކުރިން އާއްމުކުރުމާ އެކު އެންމެ ގިނަ ބަޔަކު ދެން އިންތިޒާރުކުރީ ދިލްޖީތުގެ ކެރެކްޓާ ދައްކާލާނެ ދުވަހަކަށެވެ.
ޕޯސްޓަރުގައި ދިލްޖީތު ދައްކާލިއިރު އެކްޓަރު ފެންނަނީ އިންޑިއާގެ އެއާ ފޯސް ޔުނިފޯމްގައި އެއާ ބޭސްއިން ނުކުމެގެން އަންނަ މަންޒަރެވެ. ފިލްމުގައި ދިލްޖީތު ކުޅޭ ކެރެކްޓާ "އެންޖޭއެސް ސެހޮން"ގެ ނަންވެސް އެއާ ފޯސް ޔުނިފޯމްގައި ފެންނަން ހުރެއެވެ.

ދިލްޖީތު ދޮސާންޖް ފިލްމު "ބޯޑާ 2"ގައި ކުޅޭ ކެރެކްޓާ ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ
ދިލްޖީތުގެ ކެރެކްޓަ ދައްކާލިއިރު ފިލްމުން އެކްޓަރު ވަކިކުރުމަށް އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ވެސް މީގެ ކުރިން ވަނީ އަންގާފައެވެ. ނަމަވެސް، "ބޯޑާ 2"ގައި ދިލްޖީތު ކުޅޭ މަންޒަރުތަކުގެ ބޮޑު ބައެއްގެ ޝޫޓިންގް ނިންމާލާފައިވާތީ ފިލްމުގައި އެކްޓަރު ހިމެނިޔަސް އެންމެ ރަނގަޅު ކަމަށް ފިލްމު ފެޑެރޭޝަނުން ފަހުން ވަނީ ނިންމާފައެވެ.
ދިލްޖީތު "ބޯޑާ 2"އިން ވަކިކުރަން ނިންމީ އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި ފިލްމު "ސަރުދާރު ޖީ 2"ގައި ޕާކިސްތާނުގެ ފިލްމީ ތަރިންތަކެއް ހިމަނާފައިވާތީއެވެ. އިންޑިއާއިން ވަނީ އެ ޤައުމުގެ ފިލްމު އަދި ކޮންޓެންޓްތަކުގައި ޕާކިސްތާނަށް ނިސްބަތްވާ ފިލްމީ ތަރިން ހިމެނުން މަނާކޮށްފައެވެ.