ލަންކާއަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ޓެލްތޯނެއް ބާއްވަނީ

ލާންކާގެ ތޫފާނުގެ ތެރެއިން: ލަންކާއަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ޓެލްތޯނެއް ބާއްވަނީ --

ތޫފާން 'ދީތްވާ' ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ގިނަ މީޑިއާތަކުން ބައިވެރިވާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނު، މާދަމާ ބާއްވަން ނިންމައިފިއެވެ.

މި ޓެލެތޯން އޮންނާނީ މާދަމާ ހެނދުނު 09:00އިން ފެށިގެން މެންދަމު 01:00 އަށެވެ.

ޕަބްލިކް ސާވިސަސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މި ޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ޓެލެތޯންގައި ގިނަ އަދަދެއްގެ އޮންލައިން މީޑިއާތަކާއި، ޓީވީ ޗެނަލްތަކުން ބައިވެރިވާނެއެވެ.

މި ޓެލެތޯނުގައި ސަން ސިޔާމް މީޑިއާއިން އިން ވެސް ބައިވެރިވާނެއެވެ. އެގޮތުން ޓެލެތޯނުގެ އެންމެހާ އަޕްޑޭޓްތައް ސަން އޮންލައިން އަދި އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެއެވެ.

މާދަމާ ބާއްވާ ޓެލެތޯންގެ ޕޯސްޓަރެއް --

"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ. މި އެއްބަސްވުމުގައި ޕީއެސްއެންމެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޕްރޮޖެކްޓް، ލޭންޑް، އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު އާސިފާއެވެ. އަދި ކްރޯ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޕާޓްނާ ޙަސަން މުޙައްމަދުއެވެ.

މި ޓެލެތޯންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމިން ރަޝީދު ވިދާޅުވީ މިއީ ލަންކާއަށް ކުރިމަތިވެފައިވާ ހިތްދަތި ހާދިސާގައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން ދައްކައިދިނުމަށް ކުރިއަށްގެންދަން ނިންމި ޓެލެތޯންއެއްކަމަށެވެ. އަދި މި ޓެލެތޯންގައި ވަރަށް ގިނަ މީޑިއާތަކާއި އެކިއެކި އިދާރަތަކު އެއްބާރުލުން މިހާރުވެސް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޮންލައިން ޓްރާންސްފާ ކޮށްގެން ވެސް އެހީ ފޯރުކޮށްދެވޭނެއެވެ.

ތޫފާން 'ދީތްވާ' ގެ އަސަރު ލަންކާއަށް ވަރަށް ބޮޑަށް ކުރަމުން އަންނައިރު، ތޫފާންގެ ސަބަބުން ހިނގި އެތައް ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު މިހާރުން ވަނީ 150 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 176 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ލަންކާ ޑިޒާސްޓާ މެނޭޖްމަންޓް (ޑީއެމްސީ)އިން ބުނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން 3،000 ގެއަށް ގެއްލުން ލިބިފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

ޑީއެމްސީން ބުނީ ކުރިއަށް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ އެ ތޫފާން މިހާރު އަންނަނީ އިންޑިއާގެ އުތުރު ތަމިލް ނާޑޫ، ޕުޑުޗެރީ އަދި އަންދްރާ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށާ ކައިރިވަމުންނެވެ. މާދާމާ ހެނދުނުގެ ވަގުތެއްގައި އެ ސަރަހައްދުތަކަށް ތޫފާން އަރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް