މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާ އެކު މަސައްކަތްކޮށްފައިވާ ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ އެކްޓަރު ޝާހްރުކް ޚާންއާ އެކު މަސައްކަތް ނުކުރާ ސަބަބު ކިޔައިދީފިއެވެ.
ކުޅަދާނަ އެކްޓަރުން ކަމަށްވާ އަމީތާބް ބައްޗަން، މަނޯޖް ބަޖްޕައީ، ނާގަރުޖުނާ އަދި ސައިފް އަލީ ޚާން ފަދަ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ރާމް ގޯޕާލް ބުނިގޮތުގައި ޝާހްރުކް ޚާންއާ އެކު މަސައްކަތް ކުރުމަށް އޭނާ ކޮލިފައިނުވެއެވެ.
ރާމް ބުނި ގޮތުގައި އޭނާގެ ފިލްމުތަކުގެ ކެރެކްޓަ ތަރައްގީ ކުރަނީ އެ އެކްޓަރެއްގެ ސްޓާޑަމްއަށް ވުރެ ބޮޑަށް ފިލްމެއްގައި ގެނެސްދޭ ވާހަކައާ އެ އެކްޓަރާ ގުޅޭ މިންވަރު ބެލުމަށްފަހުއެވެ.
އެގޮތަށް ބަލާއިރު މިހާތަނަށް ޝާހު ކުޅެފައިވާ ގިނަ ފިލްމުތަކަކީ މުޅިންވެސް ލޯބީގެ ކެރެކްޓާ ހިމެނޭ ފިލްމުތައް ކަމަށާއި އެފަދަ ފިލްމުތަކަކީ ޑައިރެކްޓަރު ރާމް ގޯޕާލް އުފައްދަން ބޭނުންވާ ކަހަލަ ފިލްމުތައް ނޫން ކަމަށް ވަނީ ބުނެފައެވެ.

ރާމް ގޯޕާލް ފިލްމު "ސަރުކާރު ރާޖް"ގެ މަންޒަރެއްގައި އެކްޓަރު އަމިތާބް ބައްޗަންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
އޭގެ މިސާލެއްގެ ގޮތުން ރާމް ބުނީ އަމީތާބްގެ ފިލްމުތައް ކަމަށްވާ "ދީވާރު"، "ތުރިޝުލް" އަދި "ޒަންޖީރު"ގައި މެގަސްޓާ ކުޅުނު ކެރެކްޓާތައް ހިތުން ފިލައިގެން ނުދާ ކަމަށާއި ރާމް ފިލްމެއް އުފައްދާއިރު އެކްޓަރު ބެކްގްރައުންޑު ރޯލްތަކަށް ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ޝާހާއެކު ކައިރި މުސްތަގްބަލެއްގައި ފިލްމެއް އުފެއްދުމަކީ ނާދިރު ކަމެއް ކަމަށް ރާމް ގޯޕާލް ވަނީ ބުނެފައެވެ. ހަމައެއާއެކު ރާމް އުފައްދާ ފިލްމުތައް ޝާހުގެ ފޭނުންނަށް ވެސް ކަމުނުދާނެ ކަމަށާއި އެއީ ވެސް ޝާހާ އެކު ފިލްމެއް އުފެއްދުމުގެ ވިސްނުން ނުގެންގުޅޭ މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޕެރެލަލް ސިނަމާ އަދި ޑޮކިއުޑްރާމާ ޖޯންރާގެ ފިލްމުތައް އުފައްދަން މަޝްހޫރު ޑައިރެކްޓަރުގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުތެރޭ "ރަންގީލާ"، "ސަތްޔަ"، "ކޮމްޕެނީ"، "ބޫތު" އަދި "ސަރްކާރް ރާޖް" ފަދަ ފިލްމުތައް ހިމެނެއެވެ.