ފިލްމު 'އަޕްނޭ 2' ނަހަދާނެކަމަށް ބުނުމުން ޕްރޮޑިއުސަރު ރަތަށް

ފިލްމު "އަޕްނޭ"ގެ މަންޒަރެއްގައި ކުރީގެ އެކްޓަރު ދަރޭ އަދި ސަނީ އާއި ބޮބީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދާދިފަހުން ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ފިލްމު "އަޕްނޭ"ގެ ޑައިރެކްޓަރު އަނިލް ޝަރުމާ, އެ ފިލްމުގެ ސީކުއަލްއެއް ނަހަދާނެކަމަށް ބުނުމުން ފިލްމު ޕްރޮޑިއުސަރު ދީޕަކް މުކުތު އެކަމާ ވަރަށް ބޮޑަށް ރުޅިއަތުވެއްޖެއެވެ.

ފިލްމު "އަޕްނޭ" އަކީ މިދިޔަ ހަފުތާގައި މަރުވި އިންޑިއާގެ އެކްޓަރު ދަރުމެންދްރަ އާއި އެކްޓަރުގެ ދެ ފިރިހެން ކުދިން ކަމަށްވާ ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް އެކީގައި ކުޅުނު ވަރަށް ކާމިޔާބު ފިލްމެކެވެ.

މީގެ އަހަރުތަކެއް ކުރިން ފިލްމު "އަޕްނޭ"ގެ ސީކުއަލްއެއް އިއުލާނުކޮށްފައިވީ ނަމަވެސް ދެވަނަ ބައި ނަހަދާނެކަމަށް އަނިލް ޝަރުމާ ބުނެފައި ވަނީ ދަރޭ މަރުވުމާ ގުޅިގެންނެވެ.

ފިލްމު "އަޕްނޭ 2" ނަހަދާނެކަން އިއުލާނު ކުރުމާއެކު އެ ފިލްމުގެ ޕްރޮޑިއުސަރު ދީޕަކް މުކުތު ވަނީ އަނިލް ޝަރުމާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ފިލްމު އުފައްދާނެ ކަމަށް ބުނެފައެވެ.

ދީޕަކް ބުނިގޮތުގައި ފިލްމު "އަޕްނޭ 2" ގެނެސްދޭނީ ދަރޭއަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ސަނީ އާއި ބޮބީ އަދި ދަރޭގެ ކާފަ ދަރިފުޅު ކަރަން ޑިއޯލް ހިމަނައިގެންނެވެ.

ފިލްމު "އަޕްނޭ"ގެ ޑައިރެކްޓަރު އަނިލް ޝަރުމާ އަދި ޕްރޮޑިއުސަރު ދީޕަކް މުކުތު ކުރީގެ އެކްޓަރު ދަރުމެންދްރައާ އެކު--ފޮޓޯ/ފޭސްބުކް

ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ދީޕަކް ބުނީ ދަރޭ މަރުވުމުގެ ކުރިން ފިލްމު "އަޕްނޭ 2" އުފެއްދުމުގެ މަޝްވަރާތައް އެކްޓަރާ އެކު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ދަރޭ މަރުވުމުން އެކްޓަރުގެ ހަނދާނުގައި އެ ފިލްމު ކޮންމެހެންވެސް އުފައްދަން ބޭނުންވާ ކަމަށާއި އެކަމަށް ސަނީ ޑިއޯލްގެ ފުރިހަމަ އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށްވެސް ދީޕަކް ވަނީ ބުނެފައެވެ.

ފިލްމު އުފެއްދުމާ ގުޅޭގޮތުން ނިންމުންތައް ނިންމުމުގެ އެއްވެސް ހައްގެއް ޑައިރެކްޓަރު އަނިލްއަށް ލިބިފައި ނެތްއިރު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާތީ ދީޕަކް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން "އަޕްނޭ 2" ނަހަދަން ނިންމި ކަމަށް ބުނެފައި ނުވާނެ ކަމަށާއި ނަމަވެސް އެކަން ގަބޫލުކުރަން ދަތި ކަމަށް ދީޕަކް ވަނީ ބުނެފައެވެ.

ދީޕަކް ބުނެފައިވާގޮތުން "އަޕްނޭ 2" 2020ގައި އިއުލާނު ކުރުމަށްފަހު ފިލްމުގެ މަސައްކަތް ނުފެށި ލަސްވީ ފިލްމުގެ ސްކްރިޕްޓަށް އެކިފަހަރުމަތިން ބަދަލުތައް ގެންނަންޖެހި ފަހުން ފިލްމުގެ މަސައްކަތް މަޑުޖައްސާލީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

ފިލްމާ ގުޅޭގޮތުން ޕްރޮޑިއުސަރު ދީޕަކް އާއި ޑައިރެކްޓަރު އަނިލްގެ ގުޅުން ގޯސްވެފައިވާއިރު މި ފިލްމު ކުރިމަގުގައި އުފައްދަން ނިންމި ނަމަވެސް ޑައިރެކްޓަރެއްގެ ގޮތުގައި އަނިލް ހުންނާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އަނިލް އަކީ ސަނީގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގަދަރު" އަދި "ގަދަރު 2"ގެ ވެސް ޑައިރެކްޓަރެވެ. އެހެންކަމުން ސަނީ އާއި އަނިލް އަކީ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

comment ކޮމެންޓް