މި މަހުގެ ކުރީކޮޅު ސިނަމާތަކުގައި އެޅުވި ފިލްމު "ހަގް"ގެ ކާމިޔާބީއަށްފަހު އެ ފިލްމުގެ ބަތަލާ ޔާމީ ގޯތަމް އަނެއްކާވެސް ފިލްމީ މަސައްކަތުގައި އަވަދިނެތިއުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިހާތަނަށް ވަރަށް ތަފާތު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމުތަކަށް އިސްކަންދޭ ބަތަލާގެ އަތުގައި މިހާރުވެސް ފަސް ޕްރޮޖެކްޓެއް އެބައޮތް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
އޭގެތެރެއިން އެއް ފިލްމު ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށާއި ފިލްމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ބެލުންތެރިންނާ ހިއްސާކުރާނެ ކަމަށް ޔާމީ ވަނީ ބުނެފައެވެ.
މިހާތަނަށް ޔާމީ ކުޅެފައިވާ ފިލްމުތަކުގައި ގެނެސްދިން ކެރެކްޓާތަކަށް ވަރަށް އިންސާފުވެރިކަމާ އެކު މަސައްކަތްކޮށްފައިވާތީ ބަތަލާގެ ފިލްމަކަށް އަބަދުވެސް ބެލުންތެރިންނަށް އިންތިޒާރު ކުރެވެއެވެ.

ޔާމީ އަދި އެކްޓަރު އިމްރާން ހާޝްމީ ފިލްމު "ހަގް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
އެކްޓަރު އިމްރާން ހަޝްމީއާ އެކު ވަރަށް ވަރުގަދަ ބައޮޕިކްއެއްގައި މަސައްކަތްކޮށް ބެލުންތެރިންގެ ހިތް ފަތަހަކޮށްލި ބަތަލާގެ އަތުގައި ހުރި ފިލްމުތަކުގެ ތެރެއިން އެއް ފިލްމަކީ "ތަމާސައުރު"ގެ ނަމުގައި އުފައްދާ ފިލްމެކެވެ.
މީގެއިތުރުން ބެލުންތެރިންގެ މެދުގައި މަގުބޫލުވި ބަތަލާގެ ފިލްމު "ޗޯރް ނިކަލް ކޭ ބާގާ"ގެ ދެވަނަ ފިލްމު ވެސް ހިމެނެއެވެ. މި ފިލްމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށަން ބަތަލާ އަންނަނީ ތައްޔާރުވަމުންނެވެ.
އެއްފަހަރާ ފަސް ފިލްމަކަށް ސޮއިކޮށް ފަސް ފިލްމުގެ ޝެޑިއުލްއެއް ގެންގުޅޭތީ ފިލްމުތަކަށް ވަގުތުދީ އާއިލާއަށް ވަގުތު ދިނުމަކީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޔާމީ އެންމެ އަވަހަށް މަސައްކަތް ފަށަން ތައްޔާރުވެފައި ވަނީ އެންމެ އަވަހަށް ސިނަމާތަކަށް ގެންނާނެ ބަތަލާގެ ފިލްމު "ނައީ ނަވޭލީ"ގައެވެ. މި ފިލްމަކީ ޑައިރެކްޓަރު އާނަންދު އެލް ރާއީ ގެނެސްދޭ ހޮރޯ ކޮމެޑީއެކެވެ.