ހުޅުމާލޭގައި އަންހެނަކާއި ކުޑަކުއްޖަކު އުޅޭ ގެއެއްގައި ފެންބޮޑުވެ، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ގަދަ ވިއްސާރައިގައި ރޭގެ ދަންވަރު ވަގުތު ހުޅުމާލޭގައި ފެންބޮޑުވި ކަމަށެވެ. އެ އަވަށުގައި އަންހެނަކާއި ކުޑަކުއްޖަކު އުޅޭ ގެއެއްގައި ފެންބޮޑުވެގެން ފުލުހުންނަށް ގުޅާފައި، އެހީއަށް އެދިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހި ޕޮލިސްގެ ބްރާވޯ ޝިފްޓުން އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، އެ ގެއިން ފެން ހިއްކައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުލެ، މާލެ އަދި ހުޅުމާލެއަށް ކަމަށް މެޓު އޮފީހުން ނެރުނު ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، އިއްޔެ ހުޅުލެއަށް 85.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި, ހުޅުމާލެއަށް 72.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މާލެެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މިއަދު މެންދުރު ފަހު 15:00 ގެ ނިޔަލަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، މިހާރު ރާއްޖެއަށް ތަޖުރިބާކުރަމުންދާ ހުޅަނގު މޫސުމުގެ އަސަރު ގަދަވާން ފަށާފައިވާ ކަމަށެވެ. އަދި، މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
ނަމަވެސް، އަންނަ ހަފުތާގައި މޫސުން އަލިވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.