ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 23 އަހަރު ފަހުން އަޝްލެޝާ އާއި ސަންދީޕް ކައިވެނިކޮށްފި

ޓެލެވިޒަން ތަރިން ކަމަށްވާ އަޝްލެޝާ އާއި ސަންދީޕް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ "އަނޫޕަމާ"ގެ ރޯލަކުން ދާދިފަހުން ފެނުނު ޓެލެވިޒަން ބަތަލާ އަޝްލެޝާ ސާވަންތު އާއި ސަންދީޕް ބަސްވާނާ 23 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފިއެވެ.

ދިގުމުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެ ތަރިން ކައިވެނިކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ ދެ ތަރިންގެ އާއިލާގެ މެމްބަރުންގެ އިތުރުން ގާތް ރަހްމަތްތެރިންނެވެ.

ދެ ތަރިންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމު ކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ ކައިވެނީގެ ހެޔޮ އެދުންތައް ދެ ތަރިންނަށް ފޮނުވާފައެވެ.

ޓެލެވިޒަން ތަރިން ކަމަށްވާ އަޝްލެޝާ އާއި ސަންދީޕް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަޝްލެޝާ ބޮޑަށް އާއްމުންގެތެރެއަށް މަޝްހޫރުވީ މިހާރު ދެވަނަ ސީޒަނެއް ފަށައިގެން އުޅޭ ސްޓާ ޕްލަސްގެ ޑްރާމާ ސީރީސް "ކިއު ކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ފުރަތަމަ ސީޒަންއިންނެވެ. އެ ސީޒަންގެ މުހިއްމު ރޯލަކުން ސަންދީޕް ބަސްވާނާ ވެސް ފެނިފައެވެ. ދެ ތަރިންގެ ލޯބީގެ ގުޅުން ފެށުނީ ވެސް މި ޑްރާމާ ސީރީސްގެ ޝޫޓިންގް ތެރެއިންނެވެ.

އަޝްލެޝާ މިހާރު މަސައްކަތް ކުރަމުން އަންނަ ސީރީސް އަކީ ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޖަނަކް"ގައެވެ.

ސަންދީޕް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2024 ވަނަ އަހަރު ސްޓާ ޕްލަސްއިން ގެނެސްދިން ސިލްސިލާ ޑްރާމާ "އަޕޮލެނާ – ސަޕްނޯ ކީ އޫންޗީ އުޅާން"އިންނެވެ.

comment ކޮމެންޓް