ނިއު ދިއްލީގެ ވައި ނުސާފުވުމާ ގުޅިގެން ބަތަލާ ކްރިތީ ކަންބޮޑުވުން ފާޅުކޮށްފި

ބޮލީވުޑް ބަތަލާ ކްރިތީ ސެނޮން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ވެރިކަންކުރާ ސިޓީ ނިއު ދިއްލީގެ ޖައްވު ނުސާފުވެ އާދަޔާ ޚިލާފަށް ދުން ބޯވެ ވަރަށް ބޮޑަށް ވައި ތަޣައްޔަރުވުމާ ގުޅިގެން ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ކްރިތީގެ ފިލްމު "ތޭރޭ އިޝްޤް މޭ"ގެ ޕްރޮމޯޝަނަލް ޓުއާ ނިއު ދިއްލީގައި ކުރިއަށްދިޔައިރު އެ ޓުއާގައި ބަތަލާ އަލި އަޅުވާލާފައި ވަނީ ދިއްލީގެ ވައި ނުސާފުވުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އެކަމުން ލިބިދާނެ ގެއްލުންތަކުގެ މައްޗަށެވެ.

މީޑިއާ ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ކްރިތީ ބުނީ ދިއްލީގެ ޖައްވު ނުސާފުވެ އާއްމު ރައްޔިތުން އެކަމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅޭ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކިތަންމެ ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އެ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެންނަނަމަ އެއީ ބޭކާރު ވާހަކަތަކަކަށް ވެގެންދާނެ ކަމަށާއި ދިއްލީގެ ވައި ނުސާފުވާ މައްސަލަ ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

ކްރިތީގެ ފިލްމު "ތޭރޭ އިޝްގް މޭ"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެކަމަށް ހައްލެއް ނުގެނެވިއްޖެނަމަ މާގިނަ ދުވަހެއްނުވެ ކައިރީގައި ހުންނަ މީހާ ނުފެންނަ މިންވަރަށް ދިއްލީގެ މާހައުލު ނުސާފުވުމުގެ ފުރުސަތު އެބައޮތް ކަމަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.

ވެރިކަންކުރާ ނިއު ދިއްލީގެ ވައި ނުސާފުވެ އެކަމުން އާއްމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން އަންނައިރު ކޮންމެ އަހަރެއްގެ ވެސް މިހާތަނުގައި އެ މައްސަލަ ވަރަށް ބޮޑަށް ގޯސްވާކަން ފާހަގަކޮށްލެއެވެ.

ޖައްވު ނުސާފުވެ އާދަޔާ ޚިލާފަށް ދުން ބޯވުމުގެ ސަބަބުން ދިއްލީގެ ސްކޫލްތަކާއި އޮފީސްތައް ވެސް ދޭތެރެދޭތެރެއިން ބަންދުކުރެއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ހިމެނެނީ، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސިޓީތަކުގެ ތެރޭގައެވެ.

ކާރުހާނަތަކުން ބޭރުކުރާ ދުންތަކާއި އެއްގަމު އުޅަނދުތަކުން ބޭރުކުރާ ދުމުގެ އިތުރުން ދަނޑުބިންތަކުގައި އަންދާ އެންދުންތަކުން ބޭރުވާ ދުމުގެ ސަބަބުން، ދިއްލީގެ ޖައްވު އަބަދުމެ ހެން އޮންނަނީ ތަޣައްޔަރުވެފައެވެ.

ނަމަވެސް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގެ ދުވަސްވަރު ވައި ޖެހޭ ބާރުމިން ދަށްވުމުން، އެ ދުވަސްވަރު ޖައްވުގެ ތެރޭގައި ދުންތައް ހަރުލާފައި ހުންނަ މިންވަރު އިތުރުވެއެވެ.

comment ކޮމެންޓް