އިންޑިއާގެ އެކްޓަރު ސަލްމާން ޚާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ބެޓްލް އޮފް ގަލްވާން" އަންނަ އަހަރުގެ ފިޠުރު ޢީދުގައި ސިނަމާތަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެކުރިން ސަލްމާންގެ ޓީމުން ބުނެފައި ވަނީ އެހެން އަހަރުތަކާ ޚިލާފަށް ސަލްމާންގެ ފިލްމު ފިޠުރު ޢީދުގައި ރިލީޒް ކުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުން ސަލްމާން ވެސް ބޭނުންވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުގެ ފިޠުރު ޢީދުގައި "ބެޓްލް އޮފް ގަލްވާން" ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.
އެހެންކަމުން ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ މި ފިލްމު އަންނަ އަހަރުގެ ޖޫން ހިސާބުގައި ބެލުންތެރިންނަށް ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފިލްމީ ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ޔަޝް އަދި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަލްމާން އަކީ ފިޠުރު ޢީދާ ދިމާކޮށް ބެލުންތެރިންނަށް އެކްޓަރު އާ ފިލްމުތައް ގެނެސްދެމުން އަންނަ ތަރިއެކެވެ. އެގޮތުން އެކްޓަރުގެ އެންމެ ފަހު ފިލްމު "ސިކަންދަރު" ވެސް ބެލުންތެރިންނަށް ގެނެސްދިނީ މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށެވެ.
ސަލްމާންގެ ކެރިއަރުގެ 16 ފިލްމެއް މިހާތަނަށް ޢީދުގައި ރިލީޒްކޮށްފައިވާއިރު އޭގެތެރެއިން ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ފިލްމުތަކެކެވެ.
ސަލްމާންގެ ފިލްމު "ބެޓްލް އޮފް ގަލްވާން" ފިޠުރު ޢީދާ ދިމާކޮށް ރިލީޒްކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ބޮޑު ދެ ފިލްމެއް ޖޫން މަހު ރިލީޒްކުރާ ގޮތަށް އޮތީ ނިންމާފައެވެ. އެއީ އަޖޭ ދޭވްގަންގެ މަޝްހޫރު ކޮމެޑީ ފްރެންޗައިސް "ދަމާލް"ގެ ފަހު ފިލްމު އަދި ކާމިޔާބު ފިލްމު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް"އެވެ.