އިންޑިއާގެ ހިންދީ ސިނަމާގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދްރަ މަރުވުމާ ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރައްވާ އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް މުރްމޫ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރުމެންދްރާ އަކީ ހުނަރުވެރި އެކްޓަރެއްގެ އިތުރުން އިންޑިއާގެ ޕާލަމެންޓްގައި ވެސް މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.
ފިލްމީ ކެރިއަރުގައި ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ސިނަމާއަށް ގެނެސްދެއްވުމަށްފަހު ދަރުމެންދްރަ ދުނިޔޭ ދޫކުރީ ވަރަށް ވަރުގަދަ ލެގަސީއެއް މުޅި އިންޑިއާގެ ސިނަމާއަށް ދޫކޮށްލުމަށްފަހު ކަމަށް ރައީސް ދްރޯޕަދީ ވަނީ ފާހަގަ ކުރައްވާފައެވެ.
ހަމައެއާއެކު ދަރޭގެ ފިޔަވަޅުތައް މަތީ ހިނގާނެ ވަރަށް ގިނަ ޒުވާނުންނަށް އެއީ ލާމަސީލު މިސާލެއް ކަމަށް ވިދާޅުވެ ދަރުމެންދްރަގެ އާއިލާ އަށާއި ރަހްމަތްތެރިން އަދި ސަޕޯޓަރުންނަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި އެ ހިތާމައިގައި ބައިވެރިވާ ކަމަށް ރައީސް ދްރޯޕަދީ ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ރައީސް މުރްމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ކުރީގެ އެކްޓަރު ދަރުމެންދްރަ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދަރްމެންދްރާގެ ވަކިވެދިއުމަކީ މުޅި އިންޑިއާގެ ސިނަމާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެކްޓަރުގެ ގޮތުގައި ދަރުމެންދްރަ ފާހަގަ ކުރައްވައި އެއީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދިން އެކްޓަރެއް ކަމަށް ބޮޑުވަޒީރުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ހުނަރުވެރި އެކްޓަރެއްގެ އިތުރުން ދަރުމެންދްރާ އަކީ މީހުންނަށް ވަރަށް ހެޔޮ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރި މީހެއްގެ ގޮތުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ސިފަކުރައްވާފައެވެ.
ދަރުމެންދްރަގެ ވަކިވުމާ ގުޅިގެން އިންޑިއާގެ ސަރުކާރުގެ ހުރިހާ އިދާރާއެއްގައި މަސައްކަތް ކުރައްވާ އިސްވެރިން ވެސް ވަނީ ހިތާމަފާޅުކުރައްވާ އެކްޓަރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
އުމުރުން 89 އަހަރުގައި ދަރުމެންދްރަ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އަމިއްލަ ގޭގައެވެ. ދަރުމެންދްރަ މަރުވެފައި ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވި ސިއްހީ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައި ވަނިކޮށެވެ.
އެކްޓަރުގެ ހާލު ދެރަވެގެން މި މަހުގެ ކުރީކޮޅު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ވެސް ވަނީ ފަރުވާދީފައެވެ. ދަރުމެންދްރަ މަރުވިއިރު ދެ އަނބިންނާއި ހަ ކުދިން ދުނިޔޭގައި އެބަތިއްބެވެ.