ވައިގެ ދަތުރުފަތުގެ ދާއިރާގެ ކޯސްތައް ހިންގުމަށްޓަކައި ލަންކާ އެއާލައިންސް އާއި އޮރިއެންޓަލް އެކްސްޕުރެސް ގުޅިގެން ރާއްޖޭގައި އެކަޑަމީއެއް ހުޅުވާގޮތަށް ހަމަޖައްސައިފި އެވެ.
ލަންކާގެ ޑެއިލީ ނިއުސްގައި މިއަދު ބުނެފައި ވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން (އައިއޭޓީއޭ) އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވަން ހަމަޖައްސާފައިވާ އެ އެކަޑަމީ ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.
އެ އެކަޑެމީގެ ކަންތަށްތައް އޮގަނައިޒްކުރާ އޮރިއެންޓަލް އެކްސްޕުރެސްގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ރާއްޖޭގައި މީގެކުރިން އެ ދާއިރާ އިން ތަމްރީން ހޯދުމަށް ދާންޖެހެނީ ރާއްޖެ އިން ބޭރަށް ކަމަށާއި އެ އެކަޑެމީގެ ކޯސްތައް ފެށުމުން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
އަދި ބުނެފައި ވަނީ އެކޯސްތަކަކީ އެ އެކަޑަމީން ކުރިއަށްގެންދާ ބައިނަލްލަގުވާމީ ދާއިރާ އިން ގަބޫލްކުރާ ފެންވަރުގެ ކޯސްތަކެއް ކަމަށާއި އެއެކަޑަމީގައި ކިޔަވައިދޭނީ ތަޖުރިބާކާރު ލެކްޗަރުން ކަމަށެވެ.
ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވާ އެ އެކަޑަމީގައި ކިޔަވައިދޭ ކޯސްތަކުގެ ތެރޭގައި ކެބިން ކްރޫ ޓްރެއިނިން ކޯސްތަކާއި ޕެސެންޖާ ހޭންޑްލިން ފައުންޑޭޝަން ކޯސްތަކުގެ އިތުރުން ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓޫރިޒަމް ހިމެނެ އެވެ.
އެކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.