ޝަރީއަތުގެ ބޭރުން މިފްކޯއިން 20 މިލިއަން ރުފިޔާ ހޯދަން އުޅުނު މައްސަލަ ހައިކޯޓުން ހުއްޓުވައިފި

މިފްކޯ --

އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، ޝަރީއަތުގެ ބޭރުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާ, މިފްކޯގެ އަތުން ހޯދަން އުޅުނު މައްސަލަ އެއް ހުއްޓުވައި، އަލުން އެ މައްސަލަ ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ، މިފްކޯގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ "އެމްޓީ ބަރީސާ 101" ނީލަމުގައި ވިއްކާލަން މީގެ 15 އަހަރު ކުރިން ކުރި އިއުލާނާ ގުޅިގެން އެ އުޅަނދު 800،000 ރުފިޔާއަށް ގަތުމަށް ފަހު، ފަހުން އޭގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހޯދަން އުޅުނު މައްސަލައެކެވެ.

މި މައްސަލައިގައި، މިފްކޯގެ ޢައިރު ހާޒިރުގައި އެ ކުންފުނީގެ މައްޗަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ހުކުމް ކުރީ ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމްއެވެ. އޭގެ ފަހުން، އެ ހުކުމް ރިވިއުކޮށްދޭން މިފްކޯއިން ހުށަހެޅުމުން، ހުކުމަށް ބަދަލެއް ގެނެވެން ނެތް ކަމަށް، ސިވިލް ކޯޓުގެ ގާޒީ ފަހީމް އިބްރާހިމް ހުކުމްކުރިއެވެ. އޭގެ ފަހުން މިފްކޯއިން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން، 20 މިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރި ކުންފުނިންވަނީ އެ މައްސަލައަކީ ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އެހެންނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މައްސަލަ ކުރިއަށް ގެންދާށެވެ.

ހައިކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި އެމްޕްލޯއިމެންޓް ބިއުރޯގެ އިޖުރާއީ އިއުތިރާޒު ބަލައި ނުގަތީ، ހައިކޯޓުގައި ދެފަރާތުން ކުރަންޖެހޭ ބަހުސެއް އޮތްކަމަށް ފަނޑިޔާރުންނަށް ގަބޫލު ކުރެވޭތީއެވެ.

ވޭތުވެދިޔަ 15 ވަރަކަށް އަހަރު ޝަރުއީ އެކި މަރުހަލާތަކުގައި ކުރިއަށް ދިޔަ މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ނިންމާފައިވަނީ މި މައްސަލައަކީ، ދިފާޢުއާއެކު ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެލީ ފަނޑިޔާރު މުހައްމަދު ނިޔާޒް، ހުސެއިން މަޒީދު އަދި ހަސަން ޝަފީއުއެވެ. މައްސަލައިގެ ރިޔާސަތަކީ ފަނޑިޔާރު މުހައްމަދު ނިޔާޒްއެވެ. ނިޔާޒްގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން މި މައްސަލައިގައި ތާއީދު ކުރިއެވެ.

comment ކޮމެންޓް