ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހީމްގެ ޖަލު ހުކުމްގެ މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.
ރާއްޖެއަށް މި ފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޑުރަގް އެތެރެކުރި މައްސަލައިގައި އެންމެ އިސްކޮށް ތިބި ދެ މީހުންގެ ތެރެއިން އެކަކީ ޝަހީބެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއެއް ސާބިތުވެ، 25 އަހަރުގެ ދެ ހުކުމަކާ އެކު 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ހުކުމް އިއްވީ މިދިޔަ ސެޕްޓެންބަރު މަހެވެ.
އެ މައްސަލައިގައި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއަކާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަހީބުގެ މައްޗަށް ސާބިތުވިއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކަނޑައެޅި ޖޫރިމަނާއަކީ މަސްތުވާތަކެތީގެ ގާނޫނުގައި ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށްވާއިރު، މިއީ މިހާތަނަށް މި ގާނޫނުގެ ދަށުން އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފަހަރު ވެސް މެއެވެ.
މިއީ ކަންނެލި ދޯންޏެއްގައި 127 ކިލޯއަށް ވުރެ ގިނަ ޑުރަގް އެތެރެކުރި މައްސަލައެކެވެ.
އެ މައްސަލައިގެ އިސް ދެ މީހުންނަކީ ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާއެވެ. މި މީހުންނާ އެކު މިކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވައިފައެވެ.
މި މައްސަލައިގައި ޝަހީބުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އޭނާ ފިލިއެވެ. އޭނާ ފިލުމުން، އޭނާ ފިލުވުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމުން ޝަހީބު ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ޝަހީބު ކުރިއެވެ. މި މައްސަލަ ފެންމަތިވުމުން އޭރު އޭނާ ހުރި ޕީއެންސީގެ ކައުންސިލް މެންބަރުކަމުން އޭނާ ސަސްޕެންޑުކުރިއެވެ. ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް އަމިއްލަ ގޮތުން ވާދަކުރި މީހެކެވެ.