ބޮލީވުޑްގެ ޒުވާން ފިލްމު ޕްރޮޑިއުސަރު އަދި ފެޝަން ސްޓައިލިސްޓް ރިއާ ކަޕޫރު ފިރިމީހާ ކަރަން ބޫލާނީއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
އެކްޓަރު އަނިލް ކަޕޫރުގެ ދަރިފުޅު އަދި ބަތަލާ ސޯނަމް ކަޕޫރުގެ ކޮއްކޮ ރިއާ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ރިއާ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ވެސް ހިމެނޭހެން ރާއްޖޭގެ އިރޮއްސޭ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯ ހިއްސާކުރަމުން ރިއާ ބުނީ އެ ވަގުތުކޮޅު ހުއްޓާލެވޭނެ ބަޓަނެއް ހުރިނަމަ އެކަން ކުރަން ބޭނުންވާ ކަމަށެވެ.
ރިއާ ވަނީ މީގެކުރިން ވެސް އެކިފަހަރުމަތިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ޒިޔާރަތްކޮށްފައެވެ. އެގޮތުން މި އަހަރުގެ މާޗް މަހުތެރޭ ވެސް ރިއާ ވަނީ ކަރަންއާ އެކު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރިއާ އާއި ކަރަން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/ އިންސްޓަގްރާމް
މިދިޔަ އަހަރު އެކަނިވެސް ރިއާ އާއި ކަރަން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ރިއާ މީޑިއާއަށް ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭއަކީ އެ ދެމަފިރިން ޗުއްޓީ ހޭދަކުރަން ބޭނުންވާ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށެވެ.
ކަރަންއާ ކައިވެނި ކުރުމަށްފަހު 2021 ވަނަ އަހަރު ހަނީމޫންއަށް ރިއާ ރާއްޖެ އައިއިރު ދެ މީހުންގެ ކައިވެނީގެ އެނިވާސަރީއަށް ވެސް އެންމެ ގިނައިން ދަތުރުކޮށްފައިވާ އެއް މަންޒިލަކީ ދިވެހިރާއްޖެއެވެ.
ބޮލީވުޑްގެ ފިލްމީ ތަރިންގެ މެދުގައި މިހާރު އެންމެ މަގުބޫލު ފެޝަން ސްޓައިލިސްޓް ރިއާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކްރޫ"އެވެ. ރިއާ އަންނަނީ "ފެއަރީޓޭލް"ގެ ނަމުގައި ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ރަސްމީކޮށް އަދި އިއުލާނު ނުކުރެއެވެ.