އެޕަލް އާއި ސެމްސަންގެ ފަހު އަޑުއެހުން ބާއްވައިފި

ސުމާޓު ފޯނު އުފެއްދުމުގައި އެންމެ މަޝްހޫރު ދެ ކުންފުނި ކަމަށް ވާ އެޕަލް އާއި ސެމްސަންގެ ސަރިޔަތުގެ ފަހު އަޑުއެހުން ބާއްވައިފިއެވެ.

އެޕަލް ކުންފުނީގެ ވަކީލުން ބުނާ ގޮތުގައި ދެކުނުކޮރެއާގެ ސެމްސަން ކުންފުންޏަށް އެޕަލްއާ ވާދަ ނުކުރެވޭނެކަން ކަށަވަރުވުމުން، އެ ކުންފުނިން ވަނީ އެޕަލްގެ ފަރުމާތައް ކޮޕީ ކޮށްފައެވެ. ސެމްސަން ކުންފުނީގެ ވަކީލުން ބުނަނީ، މި މައްސަލަ އެޕަލް ކުންފުންޏަށް ކާމިޔާބުވެއްޖެ ނަމަ އޭގެ މާނައަކީ ގަންނަ މީހުންނަށް އެއްވެސް އިޚްތިޔާރެއް ނެތުން ކަމަށެވެ.

މި މައްސަލައިގައި އެޕަލް ކުންފުނިން ދައުވާކޮށްފައިވަނީ ސެމްސަން ކުންފުނީގެ އަމަލުތަކުގެ ސަބަބުން އެޕަލް ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި 2.5 ބިލިޔަން ޑޮލަރު ނަގައި ދިނުމަށާއި، އަދި ބާޒާރުގައި މިހާރު ވިއްކަމުންދާ ސެމްސަންގެ ފޯނުތަކާއި ޓެބްލެޓްތަކުގެ ވިއްކުން މަނާ ކުރުމަށެވެ. ހަމަ މިއާއެކު ސެމްސަން ކުންފުނިން ވަނީ އެޕަލް ކުންފުނީގެ މައްޗަށް ވެސް މިފަދަ ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. ސެމްސަން ކުންފުނިން ބުނާ ގޮތުގައި އެޕަލް ކުންފުނިން ވަނީ ސެމްސަން ކުންފުނީގެ ހޯދުމެއް ކަމުގައިވާ "ކީ ވަޔަރލެސް ޓެކްނޮލޮޖީ"ގެ ސިއްރުތައް ވަގަށް ކޮޕީކޮށްފައެވެ.

ކޮންމެއަކަސް މި މައްސަލައިގައި އަންނަ ހުކުމެއް ވެގެންދާނީ ސުމާޓް ފޯނުގެ ބާޒާރު އަލުން ބައްޓަން ކުރާނެ ފަދަ ހުކުމަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު