ތ. ކިނބިދޫ ކަރަންޓް ދިނުމަށް ބޭނުން ކުރާ ދެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރަށް ވުރެ ގިނަ އިރުވެފައިވާ ކަމަށް ކިނބިދޫ ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ކިނބިދޫ ކައުންސިލްގެ ނައިބް ރައީސް ހަސަން މުހައްމަދު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ދެ ދެ އިންޖީނަށް ވެސް މިހާރު މައްސަލަ ދިމާވެފައިވާތީ އެ ރަށުން އިއްޔެ ހެނދުނު 8 އިން ފެށިގެން ކަރަންޓްގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.
ތޭރަސަތޭކަ ވަރަކަށް މީހުން ދިރިއުޅޭ އެ ރަށުގައި ދެ އިންޖީނުން ކަރަންޓް ދެމުންގެންދަނީ ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑުންނެވެ. ހަސަން މުހައްމަދު ވިދާޅުވީ އިންޖީނު ގޭގައި ބޭނުން ކުރަނީ 100 ކިލޯ ވޯޓުގެ ޖަނަރޭޓަރާއި އަދި 150 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ކަމަށެވެ.
"ކަރަންޓް ކެނޑިފައިވާތާ އެ ހާގިނަ އިރުވުމުން ހަގީގަތުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވޭ. އިއްޔެ ހެނދުނުން ފެށިގެން އިއްޔެ މެންދުރާއި ރޭގަނޑާއި މިއަދު މިހާތަނަށް ވެސް ކަރަންޓް ލިބިފައި ނުވޭ. މިޒަމާނަކީ ކަރަންޓާ ނުލާ އުޅެވޭނެ ޒަމަނެއް ވެސް ނޫން އެހެންކަމުން ވަރަށް ހާލުގައި ރައްޔިތުން ތިބީ." ހަސަން މުހައްމަދު ވިދާޅުވި އެވެ.
ސައުތް ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑުން ހިންގާ ކިބިދޫ އިންޖީނުގޭގޭ މެނޭޖާ ޔޫނުސް ރަޝާދު މިއަދު ވިދާޅުވީ އެ އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ޓަކައި ރޭގެ ވަގުތެއްގައި އެ ރަށަށް ދެ ޓެކްނީޝަނުން ގެނެސްފައިވާ ކަމަށާއި މިހާރު އެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ބުނީ މިއަދު މެންދުރު 2:00 ޖަހާކަންހާއިރު އެ ރަށަށް ކަރަންޓް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ރަށުގެ އިންޖީނުތަކަށް މައްސަލަތައް ދިމާވެ ކަރަންޓްދިނުމަށް ދަތިވަނީ އެއިންޖީނުތައް ބާވެފައިވާތީ ކަމަށް ވެސް ޔޫނުސް ރަޝާދު ވިދާޅުވި އެވެ.