ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ އެސްއެސް ރާޖާމޮލީގެ އާ ފިލްމުގެ ލީޑް ތަރިންނަކީ ކޮބައިކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ.
މި ފިލްމާ ގުޅޭގޮތުން މި އަހަރުގެ އޮގަސްޓް މަހު ރާޖާމޮލީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް މި ހިނގާ ނޮވެމްބަރު މަހުތެރޭ ބެލުންތެރިންނާ ހިއްސާކުރާނެ ކަމަށެވެ.
އެހެންވެ މިހާތަނަށް ފިލްމުގެ ނަން ވެސް ހާމަކޮށްފައިނުވާއިރު ފިލްމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތައް ވަންހަނާކޮށް ކުރިއަށް ގެންދާތާ ނުވަ ވަރަކަށް މަސް ވެއްޖެއެވެ.
ފިލްމުގެ ލީޑް ރޯލްއިން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނަމުން އަންނަ ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމް މެދުވެރިކޮށް ފެށި ބަހުސެއްގައި ބުނެފައި ވަނީ ނޮވެމްބަރު މަސް ފެށިއްޖެ ކަމަށެވެ.
އެ ބަހުސްގައި ފިލްމުގެ ޑައިރެކްޓަރު ރާޖާމޮލީ ޓެގްކޮށް ބުނެފައި ވަނީ މި މަހަކީ ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރާނެ ކަމުގެ ވައުދު ރާޖާމޮލީ ކުރި މަހެއް ކަމަށެވެ.

ޑައިރެކްޓަރު އެސް އެސް ރާޖާ މޮލީގެ އާ ފިލްމާ ގުޅިގެން ފިލްމުގެ ލީޑް ތަރިންގެ މެދުގައި ކުރެވުނު ސޯޝަލް މީޑިއާ ބަހުސް--ފޮޓޯ/ބޮލީވުޑްހަންގާމާ
މަހޭޝްގެ މި ބަހުސްގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި މަޅަޔާލަމް އެކްޓަރު ޕްރިތްވީރާޖް ބައިވެރިވުމާ އެކު ފިލްމުގެ ކާސްޓުންގެ މައުލޫމާތު ކަށަވަރުވެއްޖެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ވަރަށް މަޖާ ސަކަ ގޮތަކަށް އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށްދިޔަ ބަހުސްގައި އެކްޓަރު ޕްރިތްވީރާޖް ފިލްމުގެ ކާސްޓުގައި ހިމެނޭކަން އެއީ ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށާއި ނަމަވެސް މަހޭޝް އެކަން ފަޅާ އަރުވާލައިފި ކަމަށް ވެސް ރާޖާމޮލީ ވަނީ ބުނެފައެވެ.
މި ފިލްމުގެ 'ފަސްޓް ލުކް' އޮގަސްޓް މަހު ބެލުންތެރިންނާ ހިއްސާކުރިއިރު ފިލްމުގައި މަހޭޝް ފެންނާނެ ގޮތް ކޮންމެވެސް ވަރަކަށް ވަނީ ދައްކާލާފައެވެ. މި ފިލްމަކީ މަހޭޝްއާ އެކު ކުޅަދާނަ ޑައިރެކްޓަރު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ޖަންގަލް އެޑްވެންޗާއެއް ކަމަށް ބެލެވޭ މި ފިލްމަކީ ރާޖާމޮލީގެ ބައްޕަގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ.
ރާޖާމޮލީ މިހާތަނަށް ބެލުންތެރިންނަށް ގެނެސްދީފައިވާ ފިލްމުތަކުގެތެރޭ "ބާހޫބަލީ" އަދި "އާރްއާރްއާރް" ހިމެނޭއިރު މި ފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރު ބޮޑުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.