މާފަންނު ބިސް ބުރުކައިރި ހުންނަ މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ހުރި ބިމުގައި ޕްރީ ސްކޫލަކާއި ކުޑަކުދިންގެ ޕާކަކާއި ކުޑަކުދިންގެ ޕްލޭ ގްރައުންޑެއް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ބުނީ އެ ބިން ތަރައްގީ ކުރަން ނިންމީ އެބިން ހިމެނޭ ސަރަހައްދަކީ ކުޑަކުދިން ކުޅޭ ސަރަހައްދުތަކާއި ޕްރީ ސުކޫލާއި މަދަރުސާ މަދު ސަރަހައްދެއްކަން ފާހަގަކުރެވޭތީ އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ޕްރީ ސްކޫލެއްގެ ހިދުމަތް ދިނުމަށާއި ކުޑަކުދިން ކުޅިވަރުކުޅޭ ތަންތަން މާލޭ އިތުރު ކުރުމަށް ކަމަށެވެ.
އަދި ބުނީ އެބިން ތަރައްގީ ކުރަން ހޮވޭ ފަރާތަކަށް އެ ބިން ދޫކުރަން ހަމަޖެހިފައި ވަނީ 10 އަހަރާއި 15 އަހަރާ ދޭތެރޭ މުއްދަތަކަށް ކުއްޔެއް ނުނަގާ ގޮތަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެބިން ތަރައްގީކުރަން ޖެހެނީ އެ މިނިސްޓްރީން ދީފައިވާ ޑިވެލޮޕްމަންޓް ކޮންޓްރޯލްސް އާ އެއްގެގޮތަށް ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އީއޯއައި ހުށައެޅުމުގެ ސުންގަޑިޔަކީ މިއަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލެވެ.
މިނިސްޓްރީން މާލޭގައި އިތުރު ޕްރީ ސްކޫލެއް ތަރައްގީ ކުރަން ނިންމާފައިވާއިރު އެ މިނިސްޓްރީން ވަނީ ލޮނުޒިޔާރަތްކޮޅުގައި ޝޮޕިންމޯލަކާއެކު ތަރައްގީ ކުރަން ނިންމާފަ އެވެ. އަދި އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދު ވެސް ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރުމަށް ނިންމައިފަ އެވެ.