އޭއައި ރޮބޮޓްގެ ފުރަތަމަ ފުޓްބޯޅަ މެޗް ޗައިނާގައި ކުޅެފި

އިންސާނުން ގޮތަށް ހަރަކާތްތެރިވެ ރޮބޮޓްތައް ފުޓްބޯޅަ ކުޅެނީ ---

ދުނިޔޭގައި ފުރަތަމަ ފަހަރަށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ ހިއުމަނޮއިޑް ރޮބޮޓްތަކެއް، އިންސާނުންގެ އެއްވެސް ކޮންޓްރޯލެއް ނެތި ފަސް ކުޅުންތެރިންނާ ދެކޮޅަށް ފަސް ކުޅުންތެރިން ކުޅޭ ފުޓްބޯޅަ މެޗެއް ބާއްވައިފިއެވެ.

މި ތާރީޚީ މެޗު ކުޅެފައިވަނީ ބެއިޖިންގްގައި މިހާރު ކުރިއަށްދާ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސްގެ ތެރެއިންނެވެ.

މީގެ ކުރިން މިފަދަ މުބާރާތްތައް ބާއްވާފައިވަނީ ތިން ކުޅުންތެރިންނާ ދެކޮޅަށް ތިން ކުޅުންތެރިން ވާދަކުރާ އުސޫލުންނެވެ. ނަމަވެސް މި ފަހަރުގެ އައު ފޯމެޓްގައި ކޮންމެ ޓީމެއްގައި ދެ ފޯވާޑުން، ދެ ޑިފެންޑަރުން އަދި ގޯލްކީޕަރަކު ހިމެނުނެވެ. މެޗު ފެށުމާއެކު ރޮބޮޓްތައް އަމިއްލައަށް ޕޮޝިޝަންތަކަށް ޖެހި، އިންސާނުންގެ އެއްވެސް އެހީއަކާ ނުލައި ޓެކަލްކޮށް، ޕާސްދީ، އަދި ގޯލަށް ޝޫޓްކޮށް ހެދިއެވެ.

މެޗުގެ ތެރެއިން ބައެއް ރޮބޮޓްތައް ޖެހިގެން ވެއްޓުނު ނަމަވެސް، ވަރަށް އަވަހަށް އަމިއްލައަށް ތެދުވެގެން އަލުން ކުޅެން ފެށިއެވެ. ކޮންމެ ފަހަރަކު ގޯލެއް ވަންނަ އިރަށް، މެޗު ބަލަން ތިބި މީހުން އުފާފާޅުކޮށް ހެދިއެވެ. މި މެޗު 40 މިނެޓަށް ދިގުދެމިގެން ދިޔައިރު، 15 މިނެޓުގެ ދެ ހާފު އަދި 10 މިނެޓުގެ މެދުކެނޑުމެއް ވަނީ ދީފައެވެ.

މި މެޗަށް ޚާއްސަ ގަވާއިދު ފޮތެއް އެކުލަވާލާފައިވާއިރު، އޭގައި ގާތްގަނޑަކަށް 70 ސަފުހާ ހިމެނެއެވެ. އިންސާނުން ކުޅޭ ފުޓްބޯޅައިގެ ގަވާއިދުތަކާ އެއްގޮތްކަންތައްތަކެއް ހުރި ނަމަވެސް، ރޮބޮޓްތަކުގެ ކުޅިވަރަށް ޚާއްސަ ބަދަލުތަކެއް ގެނެސްފައިވެއެވެ. މިގޮތުން، ރޮބޮޓްތަކުގެ މެދުގައި ހިނގާ ކުޅުމުގެ ތެރޭގައި ހަށިގަނޑުގެ ބޭނުންކުރުމަށް އިތުރު މިނިވަންކަމެއް ދީފައިވެއެވެ. އަދި ފްރީ ކިކެއް ލިބުމުން، އޭއައި ސިސްޓަމްއަށް ކުޅުން ރާވަން ވަގުތު ދިނުމުގެ ގޮތުން، އިދިކޮޅު ޓީމުގެ ރޮބޮޓްތަކަށް 10 ސިކުންތު ވަންދެން ޗެލެންޖް ނުކުރެވޭނެއެވެ.

ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސް ބުރާސްފަތި ދުވަހު ބެއިޖިންގްގައި ފެށިގެން ކުރިއަށްދާއިރު، މިއީ ތިން ދުވަހުގެ މުއްދަތަށް ބާއްވާ އިވެންޓެކެވެ.

މި ގޭމްސްގައި 16 ގައުމަކުން 280 ޓީމެއްގެ 500 އަށްވުރެ ގިނަ ރޮބޮޓް ވާދަކުރެއެވެ. ފުޓްބޯޅަ، އެތުލެޓިކްސް، އަދި ޖިމްނާސްޓިކްސް ހިމެނޭހެން 26 ކުޅިވަރެއްގެ 538 އިވެންޓް މި މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް