އެސްއީޒެޑަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ލިބިއްޖެ، އަމާޒަކީ 1 ބިލިއަން: ސައީދު

ސިންގަޕޫރުގައި އިންވެސްޓްމަންޓު ފޯރަމް ފެށުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ، ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދު (އެސްއީޒެޑް)ތަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުން ކަމަށާއި، މިހާރު 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ޔަގީންކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ރާއްޖޭގެ އިންވެސްޓްމަންޓު ފޯރަމް ފައްޓަވައިދެއްވަމުން ސައީދު ވިދާޅުވީ މިހާރު ވެސް އެސްއީޒެޑްގައި އިންވެސްޓުމަންޓަަކަށް ފުރަތަމަ މަރުހަލާގެ ހުއްދައެއް ދެވިފައިވާ ކަމަށެވެ.

އަދި ސިންގަޕޫރުގައި މިއަދު ފެށި، އިންވެސްޓްމަންޓު ފޯރަމުގައި ސޮއިކުރި، އެސްއީޒެޑްގެ އެންމެ ފުރަތަމަ މަޝްރޫއުކަމަށްވާ 'ސޯލާ ސިޓީ' ޕްރޮޖެކްޓާއެކު އެސްއީޒެޑްގެ އިންވެސްޓްމަންޓުގެ އަދަދު 680 މިލިއަން ޑޮލަރުން މައްޗަށް އަރައިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"...މިއިން ދައްކުވައިދެނީ ތާރީޚީ ކުރިއެރުމާއި، އެއް ބިލިއަން ޑޮލަރަށް ވާސިލްވުމުގެ އަމާޒުގެ މަގު،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިގްތިޞާދީ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ދެނެގަނެ، މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފާއިތުވި 16 މަސް ދުވަހުގެ ތެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާފައިވާ ކަމަށެވެ.

އަދި 2028ވަނަ އަހަރާ ހަމައަށް، 150 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ޖީޑީޕީ މަތިކުރުމާއި، ބޮލަކަށް ޖެހޭ ޖީޑީޕީގެ ނިސްބަތް 17،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ރައީސް އަމާޒުކުރައްވާ ކަމަށް ފާހަގަކުރައްވައިފައެވެ.

ހަަމައެއާއެކު، 2040ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް އަމާޒު ކުރައްވާއިރު، އެ ކަން ކުރާނީ ސަރުކާރުން އެކުލަވައިލާ 20 އަހަރުގެ ތަރައްގީގެ ތަޞައްވުރުގެ ތެރެއިންކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަން ހާސިލްކުރުމަށް ޓަކައި، ޚާއްސަ އިގްތިޞާދީ ސަރަހައްދު (އެސްއީޒެޑް)ތަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓު ހޯދުމަކީ އެއް ލަނޑުދަނޑި ކަމަށެވެ.

ސައީދު ވަނީ ފާއިތުވި 50 އަހަރު، ސިންގަޕޫރުގެ ވިޔަފާރިވެރިންގެ ފަރާތުން ރާއްޖޭގެ ތަރައްގީއަށް ކޮށްދިން އިންވެސްޓްމަންޓުތަކަށް ޝުކުރު އަދައިކުރައްވައި، މިހާރު ހުޅުވިފައިވާ ފުރުސަތުތަކަށް އިންވެސްޓްކުރުމަށް ދައުވަތު އަރުވައިފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ބޭރު ގިނަ ގައުމުތަކެއްގައި އިންވެސްޓަރުންނަށް އަމާޒުކޮށް، ސަރުކާރުގެ އެކި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ޓަކައި އިންވެސްޓްމަންޓު ފޯރަމްތައް އަންނަނީ ބާއްވަމުންނެވެ.

އިންވެސްޓަރުން ހޯދާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި، ރަސްމާލެއާއި، ހައުސިން ފަދަ ކަންކަން ހިމެނެއެވެ.

ނަމަވެސް އިގްތިޞާދީ ގޮތުން ސަރުކާރުން ފެށި އާ ކަންކަމާއި، އުފެއްދި އާ ކުންފުނިތަކާއެކު ވެސް އަދި މިހާތަނަށް އެންމެ އެދެވޭ ދުވެލީގައި ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުދާ ކަމުގެ ކަންބޮޑުވުން ސިޔާސީ މަސްރަހުގައި އުޅުއްވާ ބޭފުޅުން ފާޅުކުރެއެވެ.

comment ކޮމެންޓް