ހަނގުރާމައިގައި އީރާނުގެ 400 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިރާނުން އިސްރާއީލަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ ސަރަހައްދެއް.ފޮޓޯ/އޭޕީ

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި 400 އަށް ވުރެ މީހުން މަރުވެ، 3056 މީހުން ޒަޚަމުވެފައިވާ ކަމަށް އީރާނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އޭގެ ތެރޭގައި ގިނައީ އާންމުންނެވެ. އަދި، 54 އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

"ޒަޚަމުވި މީހުންގެ ތެރެއިން 2،220 މީހުންނަށް ފަރުވާދީ ހޮސްޕިޓަލްތަކުން ދޫކޮށްލާފައިވާއިރު، ހަމަލާތައް ދިން ތަނުން 232 މީހުންނަށް އައުޓްޕޭޝަންޓް ކެއާ ލިބިފައިވޭ،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ސިއްޚަތާބެހޭ ބުޒާރާގެ ޕަބްލިކް ރިލޭޝަންސްގެ ވެރިޔާ ހުސައިން ކެރްމަންޕޫރު ވިދާޅުވިއެވެ.

އީރާނުގެ ހަމަލާއެއްގައި ހަލާކުވެފައިވާ އިސްރާއީލުގެ އިމާރާތެއް. ފޮޓޯ/އޭޕީ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ރެޑް ކްރެސެންޓް ސޮސައިޓީގެ ހެލިކޮޕްޓަރަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި މަހުގެ 13 ވަނަ ދުވަހު އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އިސް ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންސްވެރިން ވެސް ވަނީ މަރުވެފައެވެ. އެ ހަމަލާގެ ރައްދުގައި އީރާނުން ވެސް އަންނަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

ދެ ގައުމުން ހަމަލާތައް ބަދަލުކުރާތާ ނުވަ ދުވަސް ވެފައިވާއިރު، އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ރޭ ފަތިހު ވަނީ އީރާނަށް ހަމަލާ ދީފައެވެ.

comment ކޮމެންޓް