ސިއްހީ ދާއިރާގެ ޖަމިއްޔާ މަހީ އިފްތިތާހުކޮށްފި

ސިއްޚީ ދާއިރާގެ ކަންކަން ކުރިއަރުވާ ހަރުދަނާ ކުރުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ހެލްތު އިންޑަސްޓްރީސް (މާހީ) ގެ ނަމުގައި ޖަމްއިއްޔާއެއް އިފްތިތާހުކޮށްފި އެވެ.

ރޭ ނަލަހިޔާ ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި އެ ޖަމްއިއްޔާ އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މުޝީރު ޑރ. ހަސަން ސައީދެވެ.

ޖަމްއިއްޔާ އިފްތިތާހުކޮށްދެއްވުމަށް ފަހު ހަސަން ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަކީ ވެސް އެ އިންޑަސްޓްރީގެ މުވައްޒަފުންނާއި ދޭތެރޭ ވަރަށް އިހާނެތިކޮށް އަމަލުކޮށްފައި އޮތްތަނެއް ކަމަށާއި ނަމަވެސް އެދާއިރާގައި މަސައްކަތް ކުރެއްްވި ބަޔަކު ނުުކުމެ އެސޯސިއޭޝަނެއް ހެދިފަހުން އެމީހުންގެ އަޑުއަހަން ސަރުކާރަށް މަޖުބޫރުވި ކަމަށެވެ.

އޭނާ ވިދާޅުވީ އެސޯސިއޭޝަން ހެދިފަހުން ސަރުކާރުން ޓޫރިޒަމްގެ ސިޔާސަތު ކަނޑައެޅުމުގައި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލު ހޯދާ ކަމަށެވެ. އެގޮތަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ޖަމްއިއްޔާއެއް ހަދައި މަސައްކަތް ކުރާނަމަ އެ ދާއިރާގެ މީހުންގެވެސް އަޑުއަހައި ސިއްހީދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި އެދާއިރާގެ މީހުންގެ ޚިޔާލު ހޯދަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.

މަހީން ބުނީ އެ ޖަމްއިއްޔާއިން އަބަދުވެސް މަސައްކަތްކުރާނީ ހުރިހާ ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ފާމަސީތަކުގެ ޚިދުމަތް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިތައް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލުކޮށް ހަމަހަމަ ކަމާއެކު ފުރުސަތު ލިބޭނެގޮތް ފަހިކޮށްދޭން ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގައި ޖަމްއިއްޔާގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދޭނެކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އެ ޖަމްއިއްޔާގައި މިހާތަނަށް ބައިވެރިވެފައި ވަނީ ހަމައެކަނި 20 ކްލިނިކަކުންނެވެ.

އެ ޖަމްއިއްޔާ އިން ބުނީ ޖަމްއިއްޔާގައި މިހާތަނަށް ހަމައެކަނި 20 ކްލިނިކަކުން ބައިވެރިވެފައިވީ ނަމަވެސް ޖަމްއިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު ރާއްޖޭގެ ސިއްޚީ ދާއިރާގައި އެކިގޮތްގޮތުން ޚިދުމަތް ކުރާ ހުރިހާ ބޭފުޅުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޖަމްއިއްޔާގައި ބައިވެރިވުމަށް ސިއްހީ ދާއިރާގެ ހުރިހާ އިންސްޓިއުޝަންސް ތަކަށް ފުރުސަތު ހުޅުވާފައިވާކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ރޭގެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދާއި ފިނޭންސް މިނިސްޓަރު ޑރ. އަބްދުﷲ ޖިހާދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނަންނުޖެހުމަށް ޝަރުތުކޮށް އެ ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރަކު ވިދާޅުވީ ޖަމްއިއްޔާ އިފްތިތާހު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދަށް ވެސް ދައުވަތު އެރުވި ކަމަށާއި ނަމަވެސް އެމަނިކުފާނު އެ ރަސްމިއްޔާތަށް ހާޒިރުވެވަޑައިނުގެންނެވި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު