އިންޑިއާގެ މަޝްހޫރު ކަޕޫރު އާއިލާއަށް ނިސްބަތްވާ ޒުވާނާ ޝަނާޔާ ކަޕޫރު ފިލްމު އިންޑަސްޓްރީއަށް ތަޢާރަފުވާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.
ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ އެކްޓަރު ވިކްރާންތު މަސޭ ލީޑް އެކްޓަރުގެ ގޮތުގައި ފެންނާނެ ފިލްމު "އާކޯން ކީ ގުސްތާކިޔާ"އެވެ. މި ފިލްމަކީ ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސްއިން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައިވާ ތާރީޚަކީ އަންނަ ޖޫން މަހުގެ 11ވަނަ ދުވަހެވެ.
މި ފިލްމުގައި ވިކްރާންތު ފެންނާނީ ލޯފަން މިއުޒީޝަނެއްގެ ގޮތުގައެވެ. ޝަނާޔާ ފިލްމުގައި ފެންނާނީ ސްޓޭޖްމަތީގައި ތަމްސީލުތަކާއި ޝޯތައް ދޭ ފަންނާނެއްގެ ގޮތުގައެވެ. މި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަނީ ކާމިޔާބު ވެބް ސީރީސްތައް ކަމަށްވާ "އަޕަހާރަން" އަދި "ބްރޯކެންޑް ބަޓް ބިއުޓިފުލް" ގެނެސްދިން ސަންތޯޝް ސިންގްއެވެ.

ޝަނާޔާ އަދި އެކްޓަރު ވިކްރާންތު މަސޭ ފިލްމު "އާކޯން ކީ ގުސްތާކިޔާ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުސްތާންޓައިމްސް
ޝާނަޔާ ބޮލީވުޑުގައި ފައިތިލަ ސާބިތުކޮށްލުމަށް ތައްޔާރުވަމުން އަންނައިރު ބަތަލާ އިތުރު ހަތަރު ފިލްމެއްގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީސް "ސްޓޫޑެންޓް އޮފް ދަ އިއާ 3"، މަލަޔާޅަމް ފިލްމު "ރުޝުބާ" އަދި އެކްޓަރު އަބޭ ވަރުމާއާ އެކީ ސޮއިކޮށްފައިވާ ފިލްމެކެވެ.
މީގެކުރިން ދަރުމާ ޕްރޮޑަކްޝަންއިން ފިލްމު އިންޑަސްޓްރީއަށް ލޯންޗުކުރާނެކަން އިއުލާނުކުރި ޝަނާޔާ އަކީ ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދޮށީ ދަރިފުޅެވެ.
ޝަނާޔާ ނިސްބަތްވާ ކަޕޫރު އާއިލާގެ ގިނަ މެމްބަރުންނަކީ މިހާރުވެސް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންނެވެ. އޭގެތެރޭގައި އަނިލް ކަޕޫރު، ސޯނަމް ކަޕޫރު، އަރުޖުން ކަޕޫރު، ޖާންވީ ކަޕޫރު އަދި ޚުޝީ ކަޕޫރު ހިމެނެއެވެ.