މިހާތަނަށް މުޅިން ވެސް ވަރުގަދަ އެކްޝަން ފިލްމު އަދި ހެއްވާ މަޖާ ކޮމެޑީ ފިލްމުތައް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީ މުޅިންއާ ޖޯންރާއެއްގެ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބަތަލާ ނުޝްރަތު ބަރޫޗާއާ ލީޑް ރޯލަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ވަރަށް ވަރުގަދަ ސުޕަނެޗުރަލް ފިލްމެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ބުނެފައިވާ ގޮތުގައި ބިރުވެރި ޖޯންރާގެ ފިލްމުތަކަކީ ރޯހިތު އަބަދުވެސް ތަޖުރިބާކުރަން ޝައުގުވެރިވާ ޖޯންރާއެކެވެ.

ނުޝްރަތު ފިލްމު "ޗޯރީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަށް ނުޝްރަތު ގެންނަން ރޯހިތު ނިންމީ ދާދިފަހުން ބަތަލާ ކުޅުނު ފިލްމު "ޗޯރީ 2"ގެ ކެރެކްޓާގެ ފުރިހަމަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ފިލްމުގެ ބަތަލާގެ ރޯލަށް އެންމެ ފުރަތަމަ ވެސް ރޯހިތު ހޮވީ ނުޝްރަތު ކަމަށް މިޑް-ޑޭގައި ވަނީ ބުނެފައެވެ.
ރޯހިތުގެ މި ފިލްމު ޑައިރެކްޓްކުރާނީ ފިލްމު "ޝޫލް" އަދި "ލަވް ކޭ ލިޔޭ ކުޗް ބީ ކަރޭގާ"ގެ ޑައިރެކްޓަރު އީ ނިވާސް ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ މަސައްކަތް ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތްއިރު ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް މިޑް-ޑޭގައި ވަނީ ބުނެފައެވެ.
ރޯހިތު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން"އެވެ. މީގެއިތުރުން ހަމަ މިދިޔަ އަހަރު ރޯހިތު ވަނީ ކެރިއަރުގެ އަލަތު ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް" ވެސް ބެލުންތެރިންނަށް ގެނެސްދީފައެވެ.
މި ވެބް ސީރީސްގެ ދެވަނަ ސީޒަނެއް ގެނެސްދޭނެކަން ރޯހިތު ވަނީ އިއުލާނުކޮށްފައެވެ.