މާލޭ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ދެންމެ ބުނެފިއެވެ.
މާލޭ ސަރަހައްދުން ކަރަންޓު ދިޔައީ މިއަދު 12:35 އެހާކަންހާއިރެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، މަލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނޭ ހަތަރު ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސަވް (އެމްބީއެސް)ގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވައި ހުރިހާ ހޮސްޕިޓަލަކުން ކަރަންޓު ކެނޑުނު ކަމަށެވެ.
ނަމަވެސް، ބެކްއަޕް ޕަވާއިން ހުރިހާ ކްރިޓިކަލް އޭރިއާތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިން ކަމަށް އެ މެސެޖުގައި ވެއެވެ. ޕޭޝަންޓުންނަށްދޭ ޚިދުމަތަށް މިކަމުގެ ސަބަބުން އެއްވެސް ބުރުލެއް ނާރާކަމަށާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައި ވާކަމަށް ވެސް އެ މެސެޖުގައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލާއި އެމްބީއެސްއަށް މިވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ ބެކްއަޕް ޕަވާއިން ދޭ ކަރަންޓުގެ އެހީގައެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނެނީ:
- އައިޖީއެމްއެޗް
- ދަރުމަވަންތަ ހޮސްޕިޓަލް
- ހުޅުމާލެ ހޮސްޕިޓަލް
- ވިލިމާލެ ހޮސްޕިޓަލެވެ.
މާލޭ ސަރަހައްދުން ކަރަނޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.
"އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން," ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
މި މައްސަލަ ހިނގި ގޮތުގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ފަށައިފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭ އިންޖީނު ގެއަށް ދިމާވި މައްސަލައެއްގައި މާލޭ އިންޖީނުތަކަށް ބާރުބޮޑުވެގެންނެވެ. މި ކަމާ ގުޅިގެން ސްޓެލްކޯއިން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ވީހާ ވެސް އަވަހަށް މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.
މާލޭ ސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިރެއް ނޭނގެއެވެ.