ބޮލީވުޑް ބަތަލާ ތުރިޕްތީ ދިމްރީ ދާދިފަހުން ސޮއިކުރި ފިލްމު "ސްޕްރިޓް"ގައި ތުރިޕްތީ ކުޅެން ހަމަޖެހިފައި ވަނީ މެޑިކަލް ޑޮކްޓަރެއްގެ ރޯލް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގައި ތުރިޕްތީ ކުޅޭ ރޯލް މީގެކުރިން ހުށަހަޅާފައި ވަނީ އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯންއަށެވެ. ނަމަވެސް ފިލްމަށް ސޮއިކުރުމަށް ދީޕިކާ ހުށަހެޅި އަގުތަކުގެ އިތުރުން ބަތަލާ ހުށަހެޅި ޝަރުތުތަކާ ގުޅިގެން އެއްބަސްވުމަކަށް ނާދެވުމުން ދީޕިކާ ވަނީ "ސްޕްރިޓް" ފިލްމު ދޫކޮށްލާފައެވެ.
ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ މި ފިލްމަށް ތުރިޕްތީ ސޮއިކުރުމާ އެކު ނޫސްތަކުގެ ފަލަ ސުރުޚީތަކުން މި ފިލްމުގެ ވާހަކަ އަންނަނީ ޖާގަ ހޯދަމުންނެވެ.
މި ފިލްމުގައި ތުރިޕްތީ ފެންނާނީ ފިލްމުގެ ލީޑް އެކްޓަރު ޕްރަބާސްގެ ބައިވެރިޔާގެ ރޯލުންނެވެ. ތުރިޕްތީ އަކީ އެކްޓަރު ޕްރަބާސްއަށް ވުރެ އުމުރުން 14 އަހަރު ހަގު ބަތަލާއަކަށް ވުމުން ދެ ތަރިންގެ އޮންސްކްރީން ކެމިސްޓްރީއާ މެދު ސުވާލު އުފެދޭ ކަމަށް ބައެއް ބެލުންތެރިން ވަނީ ބުނެފައެވެ.

ތުރިޕްތީ ފިލްމު "އެނިމަލް"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
ސަންދީޕްގެ ފިލްމު "އެނިމަލް"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާއަށް ފިލްމު "ސްޕިރިޓް"އިން ވެސް އެފަދަ މަގުބޫލުކަމެއް ހޯދައިދިނުމަށް ސަންދީޕް އިސްކަންދޭނެ ކަމަށާއި ތުރިޕްތީ ފިލްމުގައި ފެންނަ ކެރެކްޓާ ގެނެސްދޭނީ ވެސް ޝައުގުވެރި ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ސްޕްރިޓް"އަށް ތުރިޕްތީ ސޮއިކޮށްފައިވާއިރު ސަންދީޕް އުފައްދާ "އެނިމަލް"ގެ ސީކުއަލް "އެނިމަލް ޕާކް"ގެ ވެސް މުހިއްމު ރޯލަކުން ތުރިޕްތީ ފެންނާނެއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު ފިލްމު "ސްޕިރިޓް"ގެ ޝޫޓިންގް ފެށުމަށް ތައްޔާރުވަމުން އަންނައިރު އިންޑިއާގައި ވާހަކަ ދައްކާއުޅޭ ނުވަ ބަހުރުވައަކުން ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.