މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް

މައްކާ ރޫޓް އިފުތިތާހުކުރި ރަސްމިއްޔާތުގައި ރައީސް: އެ މަނިކުފާނު ވިދާޅުވީ މިއީ ޙައްޖުވެރިންނަށް އެންމެ ލުއި އަހަރަށްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު އަށް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށާއި މިއީ ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި އަހަރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ "މައްކާ ރޫޓް އިނިޝިއޭޓިވް'ގައި މި އަހަރު ރާއްޖެ ހިމަނައި، އެ ކަން އިފްތިތާހުކޮށް ދެއްވައިފައެވެ. މީގެ ސަބަބުން ވަރަށް ވެސް ބޮޑެތި ލުއިތަކެއް މިވަނީ ލިބެން ފަށައިފައެވެ.

މި ކަމާ ގުޅޭގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސައުދީ ސަރުކާރުން ވަނީ ވަރަށް ހޫނު މަރުހަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައި ކަމަށެވެ. އަދި، ޙައްޖުވެރީން އެއާޕޯޓުގައި ގިނަ ވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރު ވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާނެ. ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުންމީދަކީ ކުރިމަގުގައި މިއަށްވުރެ ވެސް ކަންކަން ފަހިވެގެންދިއުން ކަމަށެވެ.

ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މި އަހަރު ހޯދައިދެވޭތީ މާތްﷲގެ ހަޟްރަތަށް ހަމްދުުކޮށް، އެ މަނިކުފާނުވަނީ ސައުދީގެ ސަރުކާރަށް ޗުކުރު އަދާކުރައްވައިފައެވެ. އެ މަނިކުފާނުވަނީ ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް، ދިވެހި ޙައްޖުވެރީންނަށް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވައިފައެވެ.

ރާއްޖޭން ޙައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕް ރޭ ސައުދީއަށް ގޮސްފައިވާއިރު, ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި, ވަގުތުން ހޮޓަލަށް ދެވުނެވެ. ޙައްޖުވެރިންގެ ލަގެޖްތައް ވެސް ލިބުނީ ސީދާ ހޮޓަލުންނެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ވަރަށް ފަސޭހައެވެ.

https://sun.mv/206558

ހަމައެހެންމެ ރާއްޖެއިން ސައުދީއަށް ދިޔަ ޙައްޖުވެރިންނަށް ވަނީ ޖިއްދާ އެއާޕޯޓުންނާއި އެ މީހުން ތިބެން ހަމަޖެހިފައިވާ ހޮޓަލުން ވެސް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއާޕޯޓްގެ އިންތިޒާމުތައް ރަނގަޅުވުމުން, އަވަހަށް ހޮޓަލަށް ގޮސް ތައްޔާރުވެލައިގެން އުމްރާގެ އަޅުކަމަށް ދިއުމަށް އެހެން އަހަރުތަކަށް ވުރެން މި އަހަރު ފަސޭހަވެގެން ދިޔައެވެ.

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު އިއްޔެ ފުރީ 234 މީހުންނާއެކުގައެވެ. މިއަދު ހެނދުނު 08:00ގައި ފުރި ދެވަނަ ފްލައިޓުން 357 މީހުން ވަނީ މައްކާއަށް ގޮސްފައެވެ. މިއަދު ފުރި ޙައްޖާޖީން ދަތުރުކުރަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއީ އަހަރުތަކެއް ފަހުން މޯލްޑިވިއަންގައި ދިވެހި ޙައްޖުވެރީން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް