މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު، އެފްއޭއެމް ލީގު ކަޕުގައި ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗަށް ދެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވެއެވެ. ހާއްސަކޮށް ދެ ޓީމުގެ މުހިންމު ބިދޭސީ ކުޅުންތެރިން މި މެޗުގައެއް ނުކުޅެއެވެ. އެއީ ކާޑު ހަމަވުމުގެެ ސަބަބުންނެވެ. އެގޮތުން އޮޑި ސްޕޯޓްސްގެ ޑިފެންޑަރު އިސްލާމް ފެކްރީ އާއި ނިއުގެ ބިދޭސީ މިޑްފީލްޑަރު އަބްދުލް ހާދަރު ފައްތާހު މި މެޗުގައި ނުކުޅެއެވެ.
މެޗުގައި ފުރަތަމަ ލީޑުނެގީ ނިއު ރޭޑިއަންޓުންނެވެ. މެޗުގެ 38ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ޔާމީން އެވެ. އޭނާ މި ލަނޑު ޖެހީ ނިއުގެ އިބްރާހީމް ސިނާހު ފޮނުވާލި ބޯޅަ ޝަފީއު މަތަކުރަން އުޅުމުގެ ތެރޭގައި ބޯޅަ ދޫވުމުންނެވެ.
މި ހާފުގައި އޮޑިއަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެގޮތުން އެ ޓީމުގެ ހައިޝަމް ރަޝީދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެފްއޭއެމް ލީގު ކަޕުގައި ނިއު ރޭޑިއަންޓާއި އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް
ދެވަނަ ހާފު އޮޑިން ވަރުގަދަކޮށް ފެށިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފުނީ މެޗުގެ 74ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްރު ފޯވާޑް އާޝޫރު އަލްސައީދު އެވެ. އޭނާ މި ލަނޑު ޖެހީ ހައިޝަމް ނަގައިިދިން ހުރަހުން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ނިއު ރޭޑިއަންޓުން ކުރިޔަށްޖެހި ކުޅެމުންދިޔަ އިރު އޮޑި ސްޕޯޓްސްއިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އިތުރު ވަގުތުގައި ލިބުނު ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ނުއުމާން (ހެލްމެޓު)އެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކުލަބެވެ. ލީގު ބުރުގައި އޮޑި އާއި މާޒިޔާ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.