ސަނީގެ ފުރަތަމަ އޯޓީޓީ ޕްރޮޖެކްޓް ނެޓްފްލިކްސްއާ އެކު

ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލް--ފޮޓޯ/ޕީޕިންގްމޫން

އެކްޓަރު ސަނީ ޑިއޯލްގެ ކެރިއަރުގެ ފުރަތަމަ އޯޓީޓީ ޕްރޮޖެކްޓް ގެނެސްދޭނީ ނެޓްފްލިކްސްއިންކަން އިއުލާނުކޮށްފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުގައި މި ފިލްމަކީ ނެޓްފްލިކްސްއިން ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ އެކްޝަން ތުރިލާއެކެވެ. ނަމަވެސް، އެއީ ފިލްމެއް ކަމެއް ނުވަތަ ވެބް ސީރީސްއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން މި ޕްރޮޖެކްޓް ޕްރޮޑިއުސްކުރާނީ މަޝްހޫރު ވެބް ސީރީސްތައް ކަމަށްވާ "ދަ ފެމިލީ މޭން 2" އަދި "ރާނާ ނައިޑޫ"ގެ ޕްރޮޑިއުސަރު ސުޕާން ވަރުމާއެވެ.

ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ މަސައްކަތް އަދި އޮތީ ސްކްރިޕްޓިންގް މަރުހަލާގައެވެ. ރަސްމީކޮށް ސަނީ މި ޕްރޮޖެކްޓަށް އެއްބަސްވިކަން އިއުލާނުކޮށްފައި ނެތް ނަމަވެސް ނެޓްފްލިކްސްއިން އުފައްދާ މި އެކްޝަން ތުރިލާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރިކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަނީގެ ފިލްމު "ޖާޓް"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޕްރޮޖެކްޓަތަކުން ފެނުން އާއްމުވެފައިވާއިރު އެފަދަ ޕްރޮޖެކްޓަކަށް ސަނީ އިންތިޒާރުކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

މީގެކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނެފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އުފެއްދުންތަކަށް ޝައުގުވެރިކަން ހުރިއިރު އެންމެ ރަނގަޅު ޕްލެޓްފޯމަކީ ކޮބައިތޯ ބަލާ އެކަމުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

ސަނީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިހާރު ސީކުއަލް ވެސް އިއުލާނުކޮށްފައިވާ ފިލްމު "ޖާޓު"އިންނެވެ. ސަނީގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، "ލާހޯރު 1947" އަދި ފިލްމު "ބޯޑާ 2" ހިމެނެއެވެ.

comment ކޮމެންޓް