ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން އުރީދޫ މޯލްޑިވްސްއިން ބާއްވައި، ގިނެސް ވޯލްޑް ރެކޯޑެއް މިއަދު ހާސިލުކޮށްފިއެވެ.
އުރީދޫން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނިން ތާރީޚި ކާމިޔާބީއެއް ހޯދައިފައިވާކަން ފާހަގަކޮށްފައެވެ.
އެ ކާމިޔާބީން ދައްކުވައިދެނީ އުރީދޫން އީޖާދީ މަސައްކަތްތަކަށް އިސްކަންދޭ މިންވަރުގެ އިތުރުން، ފެނު އަޑީގައި ވިޔަސް ފޯރުކޮށްދޭ ޚިދުމަތުގެ ރަނގަޅުކަން ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ވަނީ ފެނުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަންގެ ރެކޯޑު ހާސިލްކޮށްފައި -- ފޮޓޯ/ ހުސައިން ނިޔާޒް, ފޭސްބުކް
އެ ޕެނަލް ޑިސްކަޝަން ބޭއްވުމުން، ގިނެސް ރެކޯޑް ހާސިލުކުރި ކަމުގެ ފިލަޔާ އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.
އެ ކާމިޔާބީއާ ގުޅޭ ގޮތުން ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އުރީދޫގެ މި ކާމިޔާބީއަކީ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތާ ގުޅުވައިދިން ކަމެއް ކަމަށެވެ.

އުރީދޫއިން ގިނެސް ވޯލްޑް ރެކޯޑެއް ހެދުން -- ފޮޓޯ/ އުރީދޫ
އަދި އެ މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހާސިލުކުރުން ނޫން ކަމަށާއި، އެއީ ޓެކްނޮލޮޖީއާއި ކަމަކަށް އޮންނަ ޝައުގާއި އަމާޒު އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރާއްޖެއިން ރެކޯޑް ފޮތުން ޖާގަ ހޯދައިފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރު، އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން ރާއްޖެއިން ރެކޯޑެއް ހެދިއެވެ. އެ ރެކޯޑުގައި 455 މީހުން ބައިވެރިވިއެވެ.