އަނިޔާވެރިވާން ގޮވުން ހުއްޓުވަން ޖެހިފައި

"ޖައްބާރުކަމުގެ ތަމްރީނުދީ ދަގަނޑު ދަހަނާ އަޅުވައި އަސޭމިރުސް ދުމާއި ކަރަންޓު މުގުރާ އެކީގައި [ސަލާމަތީ ބަރުތައް] މާލޭގެ މަގުމައްޗަކަށް ނެރުނެއް ކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ... ބަޣާވާތުން ވެރިކަން ފޭރިގަނެގެންތިބި އެންމެ ބޭފުޅުންނަށް ސާފުވާންވީ އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާ ކުރިމަތިލާން ފިސާރި ތައްޔާރަށް. ކެރިވަޑައިގަންނަވަންޏާ ނުކުންނަވަންވީ އަޅުގަނޑުމެން ކުރިއަށް ނުކުންނާނެ،" މެއި 30، 2012 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

މިއީ އުސްފަސްގަނޑު ރޫޅާލި މައްސަލާގައި އެމްޑީޕީގެ މެންބަރުންގެ ކައްކުވައިލަން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި ސަލާމަތީ ބާރުތަކަކީ ދަގަނޑު ދަހަނާ އަޅުވައިފައި ތިބި "ޖައްބާރު" ކަމުގެ ތަމްރީނު ތިބިފައިތިބި "ޖައްބާރުން" ތަކެކެވެ. މަސައްކަތްޕުޅު ކުރެވެއްވީ ސިފައިންނާ ފުލުހުންނަކީ އަގެއް ނެތް، ބައެއްގެ ގޮތުގައި ވިސްނައިދޭށެވެ. އަދި އެފަދަ "ޖައްބާރު" ބަޔަކާ ކުރިމަތިލެއްވުމަށް ހިތްވަރު ދެއްވި އެވެ.

ސިފައިންނާ ފުލުހުންގެ އަގުވައްޓާލަން އެމްޑީޕީގެ އިސް ސަފުގެ ބޭފުޅުން ގޮވާލަމުންދާއިރު ސިދީ ކުއްލި ހަރަކާތާއި އަދި އޭގެ ކުރިން ފެބްރުއަރީ 7ގެ ފަހުން އެކި ފަހަރު މަތިން ފުލުހުންނަށް އަނިޔާ ކުރުމަށް ގޮވާލާ ހަދަ އެވެ. ވަރަށް ގިނަ ފަހަރަށް ޖިސްމާނީ ބޮޑެތި ގެއްލުންތައް މުޒާހަތާކުގައި ލިބޭއިރު، އެންމެ ފަހުން ފުލުހެއްގެ ގަޔަށް ވަނީ ވަޅި ހަރައި މަރާލައިފަ އެވެ. ކާށިދޫގައި ފުލުހަކު މަރައިލުމުން ގިނަ ބަޔަކު ވަނީ އެއީ ވެސް އެމްޑީޕީގެ ސަބަބުން ހިނގި ހާދިސާއެއްތގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

ސިފައިންނާ ފުލުހުންގެ އަގު ވައްޓާލެވިގެން ނުވާނެ އެވެ. ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށް ލިބިދޭ އަސާސީ ހައްގުތައް ހިމާޔަތްކޮށްދޭން ޖެހޭނެ އެވެ. އަނިޔާވެރި ކަމަށް ގޮވާލެވިގެން ނުވާނެ އެވެ. ފުލުހަކު އަނިޔާކުރިއަސް އެކަން ވެސް ބެލެންޖެހޭނެ އެވެ. ފިޔަވަޅު ވެސް އެޅެންޖެހޭނެ އެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުމާއެކު ހުއްޓުމެއް ނެތި އެމްޑީޕީން ފުލުހުންނާ ދިމާލަށް އެއްޗެހިގޮވައި، އަގުވައްޓާލަމުންދާއިރު އެކަން ކައިރިން ބަލެޖޭ ފަރާތް އޮތީ ނިދާފަ އެވެ. ސިޔާސީ ޕާޓީތަކުގެ ފާރަވެރިޔާ، އަދި ބަދަލުވެރިޔާ އިލެކްޝަންސް ކޮމިޝަން އޮތީ ހިމޭނުންނެވެ.

އަނިޔާވެރިކަމަށް ގޮވާލަމުންދާ އަޑު ވެރިރަށް މާލެއާއި މުޅި ރާއްޖެއަށް ބްރޯޑްކާސްޓު ވެސް ކުރެވެމުން އެބަދެ އެވެ. އެފަދަ ވާހަކަތައް ބަލައިގަނެގެން ފުލުހުނާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު ވެސް އުފައްދައިފި އެވެ. ނަމަވެސް އެކަމަކަށް ހުއްޓުމެއް އައިތަނެއް ނުފެނުނެވެ.

ފުލުހެއްގެ މާރާއެކު އެފަދަ އަނިޔާވެރިކަމަށް ހިއްވަރު ދެމުންދާ އަޑުތައް ހުއްޓުވުމަށް މިހާރު ސަރުކާރުން މަޖުބޫރުވެއްޖެ އެވެ.

ދާހިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި އަނިޔާވެރިކަމާއި ޖަރީމާތަކަށް ގޮވާލަމުންދާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހުގީގު ކުރާނެ އެވެ. މުޖުތަމައު އަމާންކަން ގެއްލިގެންދާއިރު ބަލަހައްޓައިގެން ތިބެވޭކަން ނެތް ކަމަށާއި އަދި ފުލުހަކަށް ހަމަލާދީގެން މަރާލި ނަމަވެސް ސިފައިންނާ ފުލުހުންގެ ހިއްވަރު ބަލިކޮށް، ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެ އެވެ.

"ސިޔާސީ ގޮތުން ގޮތް ހުސްވެގެން ސިފައިންނާ ފުލުހުންގެ އަބުރު ނަގާލަނީ. ފުލުހުންނަށް ސިފައިންނަށް ހަމަލަދޭން ގޮވާލާ ސިޔާސީ ފަރާތްތަކުން އެންމެ ފަހުން ހިމާޔަތައް އެދެނީ ވެސް ފުލުހުންނާ ސިފައިންގެ އަރިހުގައި. އެހެންވީމަ އެ ކިޔާއެއްޗެއް ދެކޮޅެއް ނުޖެހޭ ނޫންތޯ. އަނިޔާވެރިކަމަށް ގޮވާލާ ގޮވާލުންތައް އަޅުގަނޑުމެން ބަލާނަން. އެއީ ހުއްޓުވެންޖެހޭ ކަމެއް،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވި ގޮތުގައި ފުލުހުންނާ ސިފައިންނަށް ހަމަލާ ދިނުމަށް ގޮވާލަމުންދަނިކޮށް، އަދި ފުލުހުން އެމީހުންގެ ވާޖިބު އަދާކުރަނިކޮށް ފުލުހަކު މަރާލުމުން ކުށްވެރިވާނީ ކުރި މީހާ އެކަނި އެކަމަށް ނިންމޭކަށް ނޯވެއެވެ. އެކަމަށް ހިއްވަރުދިން ފަރާތްތަކުގެ މައްސަލަ ވެސް ބެލެންޖެހޭނެ އެވެ. އާޒިމާ ވިދާޅުވި ގޮތުގައި ޖިނާއީ އެފަދަ މައްސަލައެއްގެ ތަހުގީގު ހިންގާއިރު، ތިން ފަރާތެއްގެ މައްސަލަ ބެލެންޖެހެ އެވެ.

އެއީ ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުމަށް ގޮވާލާ ފަރާތްތަކާއި އެ ގޮވާލާ ގޮވާލުންތައް މީޑިއާ މެދުވެރިކޮށް އާމުންނާ ހަމައަށް ފޯރުކޮށްދޭ ފަރާތްތަކާއި މީޑިއާއިން އެކަން އާއްމުކުރަމުންދާއިރު އެކަން ހުއްޓުވަންޖެހޭ ބްރޯޑްކާސްޓިން ކޮމިޝަނެވެ.

"މިތަހުގީގު [ހަލީމްގެ މަރުގެ ތަހުގީގު] ނިމިގެން ފިޔަވަޅު އެޅޭއިރުގައި މިދެންނެވި ތިން ފަރާތާ ދޭތެރޭގައި، މިކަމަށް [ފުލުހުންނާ ސިފައިންނަށް ހަމަލާ ދިނުމަށް] ގޮވާލާ މީހުންނާއި މިގޮވާލާ ގޮވާލުންތައް އާންމުންނާ ހަމަޔަށް ރައްދުކޮށްދޭ މީހުންނާއި އަދި އާމުންނާ ހަމަޔަށް ރައްދުކޮށްދޭ އިރުގައި ގާނޫނާ ހިލާފު ކަމެއް ކޮށްދެވެމުންދާއިރު، ގާނޫނީ ގޮތުން ޒިންމާ އެޅޭ ފާރާތުން [ބްރޯޑްކާސްޓިން ކޮމިޝަން] ފިޔަވަޅު އަޅަންޖެހޭނެ އެކަމަށް މަގުފަހިކޮށްދިނީތީވެ،" އާޒިމާ ވިދާޅުވި އެވެ.

ޕާޓީއަކުން އަބަދާ އަބަދު ފުލުހުންނާއި ސިފައިންނަށް ހަމަލާ ދިނުމަށް ގޮވާއިރުއިރު އިލެކްޝަންސް އެއް ވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އެކޮމިޝަނަށް ވަނީ ވަރަށް ބޮޑު ފާޑިކިޔުންތައް އަމާޒުވެފައެވެ. ހަމައެއާއެކު އެމްޑީޕީގެ މައްޗަށް ވަނީ އެތައް ތުހުމަތުތަކެއް ކުރެވިފައެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި ފުލުހުންނާ ސިފައިންނަށް ވަރަށް ގިނަ ބަޔަކު ނަފްރަތު ކުރެ އެވެ. އަދި އެއްވެސް އިރެއްގައި ސިޔާސީ ޕާޓީއަކުން މީހުން މެރުމަށް ވާހަކަ ދެއްކުމަކީ ހިނގާ ކަމެއް ނޫނެވެ.

"މިރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ނަފްރަތު އުފެދިފައިވާ ބައެއް ސަލާމަތީ ބާރުތަކަކީ. އެކަމާ މިކަމާ ގުޅުވުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކާ މިކަމާ ގުޅުމެެއް ނެތް. އޭގެ ސަބަބުން މިކަހަލަ ކަންކަން މެދުވެރިވުން އެއީ ވެދާނެ ކަމެއް. އެކަމަކު އެއްވެސް އިރެއްގައި ސިޔާސީ ޕާޓީއަކުން މީހުން މެރުމުގެ ވާހަކަ ދެއްކުމަކީ އެއީ އެއްވެސް އިރެއްގައި ހިނގަމުންދާ ކަމެއް ނޫން،" ހާމިދު ވިދާޅު ވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް