މިދިޔަ އަހަރު ސިނަމާތަކުގައި އެޅުވި ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރުގެ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމަށް ޖަޕާނުގައި ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 380 ކްރޯޑު ރުޕީސް (45.51) މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު "ދޭވަރާ" ޖަޕާނުގައި ދެއްކި ފުރަތަ ދެ ދުވަހު ވެސް 11.1މިލިއަން ޖަޕާނު ޔެން ވަނީ ލިބިފައެވެ.
އެއީ ޖުމްލަ 73،625 އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މިހާތަނަށް ޖަޕާނުގައި ދެއްކި އިންޑިއާގެ ފިލްމަކަށް މިވަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް ފިލްމުފެއާއިން ވަނީ ބުނެފައެވެ.
ޖަޕާނުގައި އާއްމުންގެ ފަރާތުން ފިލްމު "ދޭވަރާ"އަށް ލިބުނު ތަރުހީބާ އެކު ސައުތު ސިނަމާގެ ފިލްމުތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ލިބެމުން އަންނަ މަގުބޫލުކަން ވަރަށް ބޮޑަށް އެނގިގެން ގޮސްފި ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.

ތެލުގޫ އެކްޓަރު އެންޓީއާރް ޖޫނިއަ--ފޮޓޯ/ބޮލީވުޑްހަންގާމާ
ހަމައެއާއެކު ފިލްމު "އާރްއާރްއާރް"އަށްފަހު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރްއަށް ޖަޕާނުގައި ލިބެމުން އަންނަ ތަރުހީބު ކުރިއަށްވުރެ މާބޮޑަށް ވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ދޭވަރާ"އަށްފަހު އިންޑިއާގެ ފިލްމުތަކަށް ޖަޕާނުގައި ލިބެމުން އަންނަ ތަރުހީބު ކުރިއަށް އޮތްތަނުގައި ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފިލްމުފެއާއިން ވަނީ ބުނެފައެވެ.
ފިލްމު "ދޭވަރާ: ޕާޓް 1"އަކީ ބޮލީވުޑްގެ ތަރިން ހިމަނައިގެން ގެނެސްދެވުނު އެކްޝަން ޑްރާމާ ފިލްމެކެވެ. ޖޫނިއަ އެންޓީއާރްގެ އާއިލީ ފިލްމު ކުންފުނި އެންޓީއާރް އާޓްސް އާއި ޔުވަސުދާ އާޓްސް ގުޅިގެން ގެނެސްދިން "ދޭވަރާ" އަކީ 300 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.
މި ފިލްމުގައި ވިލެންގެ ރޯލް ކުޅެފައި ވަނީ ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާންއެވެ.