ޕެންޝަން އޮފީހުން، އިޖުތިމާއީ މަޝްރޫއުތަކާއި ހަރަކާތްތަކަށް ޚާއްސަ ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން ބުނީ، އިއްޔެ މި ޕްރޮގްރާމް ތައާރަފުކޮށްފައިވަނީ "ދެމެހެއްޓެނިވި އަދި އެކުލެވޭ މުޖުތަމައުތަކެއް ބިނާކުރުން" މި ޝިއާރުގެ ދަށުންކަމަށެވެ. އެ ޕްރޮގްރާމްގެ މަގުސަދަކީ ވިލުންތެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރުދިނުން ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީނުދޭ ފަރާތަތަކުން ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުން ބުނީ މި ޕްރޮގްރާމަށް އެދި ހުށަހެޅޭނީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ކަމާ ގުޅުންހުރި ލިންކަށް ފޮނުވައިގެން ކަމަށެވެ. އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ އީމެއިލްއާއި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
އެ އޮފީހުން ބުނީ ކޮންމެ މަޝްރޫއަކަށް ގިނަވެގެން 200,000 ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ފަންޑުކުރާނެ ކަމަށެވެ. އަދި މަޝްރުއޫގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށް ވެސް ޕެންޝަން އޮފީހުން ފާހަގަކުރެއެވެ.
އެޕްލިކޭޝަންތައް ވަޒަން ކުރުމުގައި ބަލާނެ ކަންތައްތައް:
- ޖަމްޢިއްޔާގެ ޤާބިލުކަން (25 ޕަސެންޓް)
- މަޝްރޫޢު ވުޖޫދަށް ގެނެވޭނެކަމާއި ދެމެހެއްޓެނިވިކަން (30 ޕަސެންޓް)
-
އިޖްތިމާޢީ ގޮތުން، އިޤްތިޞާދީ ގޮތުން ނުވަތަ ތިމާވެށްޓަށް ކޮށްފާނެ އަސަރު (25 ޕަސެންޓް)
-
ބަޖެޓު، ޕްލޭންކުރުން އަދި ވަސީލަތްތައް ބެހުން (20 ޕަސެންޓް)
އެ ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 އެވެ.