ވައްކަން ކޮށްގެން ކަމަށް ބުނެ މީހަކު ހިފަހައްޓައި ބޭންދުމަށްފަހު، އޭނާގެ ގަޔަށް ހުދު ކުލައިގެ ދަވާދު ޓައްޕެއް އަޅައިލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގެ ބައެއް ޕޭޖުތަކުގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ވައްކަން ކުރިކަމަށް ތުހުމަތުވާ މީހާ ދަވާދު ޓައްޕެއް ކައިރި އިށީނދެ އިންނަ ތަނެވެ. އެ ތަނުގައި ބައެއް މީހުން ތިއްބެވެ.
ދެން ފެންނަނީ މީހަކު އޭނާގެ ގަޔަށް ހުދުކުލައިގެ އެ ދަވާދު ޓައްޕު އަޅައިލާ ތަނެވެ.
އެހެން ވީޑިއޯތަކުގައި އެ މީހާ ފުލުސް ޖިޕަކަށް އަރުވާ ތަން ވެސް ފެނެއެވެ. އަދި ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ބާލުވައި ވައްދާތަން ވެސް ފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކ. މާފުށީގައި ހިިނގި ކަމެކެވެ. އެގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ މެންބަރު އަލީ ޝަމޫން ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ އިއްޔެ ކަމަށެވެ. އިތުރު ތަފްސީލް އެނގިނުލައްވާ ކަމަށް ވިދާޅުވިއެވެ.

މާފުށީގައި ވައްކަންކުރިކަމަށް ބުނާ މީހެއްގެ ގަޔަށް ހުދު ދަވާދު އަޅައިލައިފައި ވަނިކޮށް އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިއުން -- ފޮޓޯ: ސޯޝަލް މީޑިއާ
މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އެ ވީޑިއޯތަކަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ، އެ މީހާގެ ގަޔަށް ދަވާދު އަޅައިލުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އަދި ވައްކަން ކުރުމުން އެ ކަން ކުރިކަމަށް ތުހުމަތުވާ މީހާއާމެދު ތަހުގީގު ހިންގައި އަދަބު ދޭން ވަކި ބަޔަކު ތިބޭކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓު ކޮށްފައިވެއެވެ.
ނަމަވެސް މަދު ބަޔަކު އެ ކަމަށް ތަރުހީބު ވެސް ދީފައިވެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި މީގެ ކުރިން ވެސް މިފަދަ ބައެއް ކަންކަން ހިނގައިފައިވެއެވެ.