އެންމެފަހުން ރަންބީރުގެ ދައްތަ ރިދިމާ ވެސް ފިލްމީ ދާއިރާއަށް

ރަންބީރު ކަޕޫރުގެ ދައްތަ ރިދިމާ ކަޕޫރު ސަހާނީ--ފޮޓޯ/ޕިންކްވިލާ

މީގެކުރިން ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށް ބުނެފައިވާ އެކްޓަރު ރަންބީރު ކަޕޫރުގެ ދައްތަ ރިދިމާ ކަޕޫރު ސާނީ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން/ އެކްޓަރު ކަޕިލް ޝަރުމާ އަދި ރިދިމާގެ މަންމަ، ކުރީގެ ބަތަލާ ނީތު ކަޕޫރު ކާސްޓުގައި ހިމެނޭ ފިލްމެކެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ކޮމެޑީ ފިލްމުގެ މަސައްކަތް އިންޑިއާގެ ޗަންދިގަރުގައި މި މަހު ފަށާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

އިތުރު ފިލްމަކަށް ކަޕިލް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު 2015 ވަނަ އަހަރު ރިލީޒްކުރި ކަޕިލްގެ "ކިސް ކިސްކޯ ޕިޔާރު ކަރޫން"ގެ ސީކުއަލް މި އަހަރުތެރޭ ރިލީޒްކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.

މި ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ކަޕިލް ވަނީ އަލަށް މަސައްކަތް ފަށަން ތައްޔާރުވަމުން ފިލްމުގައި ކުޅޭ ރޯލަށް ހަށިގަނޑުގެ ބަރުދަން ވެސް ވަރަށް ބޮޑަށް ލުއިކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިދިމާ ފުރަތަމަ ފަހަރަށް މެހެމާނެއްގެ ގޮތުގައި ބައިވެރިވި ކަޕިލް ޝަރުމާގެ ޝޯގައި މަންމަ ނީތޫއާ އެކު--ފޮޓޯ/މިޑްޑޭ

ރިދިމާ އާއި މަންމަ ނީތޫ މުހިއްމު ރޯލްތަކުން ފެންނާނެ މި ފިލްމުގެ ޑައިރެކްޓަރަކީ 2012 ވަނަ އަހަރު ރިލީޒްކުރި ވަރުގަދަ އެކްޝަން ފިލްމު "ކިލާޅީ 786" ގެނެސްދިން އާޝީޝް އާރު މޯހަންއެވެ. ރިދިމާ އަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ ކަޕޫރު ޚާންދާނަށް ނިސްބަތްވާ މީހަކަށް ވިޔަސް ފިލްމީ ދުނިޔެއާ ވަރަށް ދުރުގައި ދިރިއުޅެމުން އައި މީހެކެވެ.

އުމުރުން 44 އަހަރުގެ ރިދިމާ އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިފައި ވަނީ ނެޓްފްލިކްސްއިން ގެނެސްދިން "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ތިންވަނަ ސީޒަންއިންނެވެ.
ގަހަނާ ޑިޒައިންކޮށް ގަހަނާގެ އަމިއްލަ ބްރޭންޑެއް ގެންގުޅެ އޭގެ ވިޔަފާރި ހިންގާ ރިދިމާ ދިރިއުޅެމުން އަންނަނީ ފިރިމީހާ ބާރަތު ސާނީއާއެކު ނިއު ދިއްލީގައެވެ.

ބާރަތު ސާނީއަކީ ނިއު ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިއެކެވެ. ދެ މީހުންގެ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ވެސް އެބަހުއްޓެވެ. ރިދިމާ ފިލްމީ ހަފްލާތަކުންނާއި ޝޯތަކުން ފެންނަން ފެށީ ބައްޕަ ރިޝީ ކަޕޫރު މަރުވުމަށްފަހު އޭގެ ދުވަސްތަކެއް ފަހުންނެވެ.

މީޑިއާއަށް ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި ނީތޫ ކަޕޫރު ބުނެފައި ވަނީ ރިދިމާ ފިލްމީ ދާއިރާއަށް ނުކުތުމަކީ ރިޝީ އެއްވެސް ވަރަކަށް ގަބޫލުވާނެ ކަމެއް ކަމަށް ރިދިމާއަށް ގަބޫލު ކުރެވޭތީ އެކަހަލަ ޝައުގުވެރިކަމެއް ދަރިފުޅުގެ ނުވެސް ނެތް ކަމަށެވެ.

comment ކޮމެންޓް