އުމުރުން 60 އަހަރުވުމުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކާރުފަދަ ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވޭހެން ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައި، އެއްގަމު އުޅަނދުފަހަރުގެ ލައިސަަންސް ދޫކުރުމާ ބެހޭ ގަވައިދަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އިސްލާހު ގެނެސްފިއެވެ.
އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިސްލާހުގައިވަނީ މި މާއްދާގައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ލައިސަންސެއް 60 އަހަރުވުމުން ދޫކުރެވިދާނެ ކަމަށެވެ.
އެ ލައިސަންސް ދޫކުރާނީ އެކަމަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ. އަދި މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދު ދުއްވުމަށް ކަމަށް ވެސް އިސްލާހުގައިވެއެވެ.
އަދި ދުއްވޭނީ ހަމައެކަނި މި ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައި އެކަންޏެވެ.
މީގެ އިތުރުން ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ވެސް އެ ލައިސަންސް އޮތް ނަމަވެސް ދުއްވުން މަނާވާނެއެވެ. އެހެންކަމުން އެ ލައިންސުން، ރާއްޖޭގެ އެއްވެސް ބްރިޖެއް، ނުވަތަ ހައިވޭއެއްގައި ނުދުއްވޭނެއެވެ.
އަދި މި ލައިސަންސްގެ ދަށުން އުޅަނދު ދުއްވާ މީހާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ، އެ މީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު، މިނިސްޓްރީއަށް ނުވަތަ އެ ލައިސަންސް ދޫކުރި އިދާރާއަށް ލިބޭގޮތް ވެސް ވަނީ ހަދައިފައެވެ.
ގަވާއިދާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މި އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް މީހަކަށް ހުރަހެއް ނެތް ކަމަށެވެ.
އެޑިޓަރުގެ ނޯޓް: މި ޚަބަރުގައި އެންމެ ފުރަތަމަ 60 އަހަރުން މަތީގެ މީހުން ވަކި ލައިސަންސެއް ނަގަންޖެހޭކަމަށް ލިޔެވިފައިވަނީ އިބާރާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުން 60 އަހަރުވުމުން ވަކި ލައިސަންސެއް ނަގަން ޖެހުމެވެ.
comment ލުޓުރޭ
1 week 1 day ago
މިހާރު ތިވާ ގޮތުން އުމުރުން 60 ފުރޭ މީހުން މަޑުމަޑުން އެއްކައިރިކުރެވެން ފަށައިފި ކަމަށް ފެނެއެވެ. އެހެންވީމާ 60 އަހަރު ވީމާ ހިލޭ ބަހާއި ފެރީ ލިބެންވާނެއެވެ!
comment މުސްތޮ ރަޝިޔާ
1 week 1 day ago
މިހުރީ ވަރަށް ރުޅި އައިސްްފަ. ލޭމައްޗަށް ދިޔަ ނުދެއްވާ. ކުއްނުޖެހޭނެ ފަދަ ގޮތަކަށް ކަންކަން ބަހައްޓަވާ