އާންމު އުސޫލުން ވެސް ލައިސަންސް ނެގުމަށް ދޮށީ މީހުންނަށް ހުރަހެއްނެތް: މިނިސްޓްރީ

މާލޭ މަގުމަތި: އިމްތިހާނާ ނުލައި، 60 އަހަރުން މަތީގެ މީހުންނަށް ލައިސަންސް ދެނީ ފަސޭހަކޮށްދޭން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައި ---- ސަން ފޮޓޯ

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އާދިއްތަ ދުވަހު ގެނެސްފައިވާ އިސްލާހާއެކު ވެސް، 60 އަހަރުން މަތީގެ މީހުންނަށް އާންމު އުސޫލުން ވެސް ލައިސަންސްގެ ނެގުމުގެ ހުރަހެއް ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެއްގަމު އުޅަނދު ދޫކުރުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހާ ގުޅޭ ގޮތުން މީސް މީޑިއާގައި ސައްހަނޫން މައުލޫމާތުތަކެއް ދައުރުވަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި، އައު އިސްލާހުން 60 އަހަރުން މަތީގެ މީހުންނަށް ބައެއް ސަރަހައްދުތަކުގައި ދުއްވަން ހުރަސް އެޅޭ ކަމަށް ވާހަކަ ފެތުރިފައިވާކަމަށް އިޝާރާތްކޮށް މިނިސްޓްރީން ބުނީ، 60 އަހަރު ވެފައިވާ މީހުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދައާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެެއްވެސް ލައިސަންސެއް ބާތިލެއް ނުވާނެ ކަމަށެވެ.

އެގޮތުން، އުސޫލުގެ ތެރެއިން ލައިސަންސެއް ބޭނުންކުރުމާއި އާންމު އުސޫލުގެ ތެރެއިން ލައިސަންސް ނެގުމާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރުން މަތީގެ މީހުންނަށް ހުރަހެއް ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ އިސްލާހުގައި 60 އަހަރުން މަތީގެ މީހުންނަށް ވަކި ހުއްދައެއް ވެސް ހިމަނައިފައިވާއިރު، މިނިސްޓްރީން ބުނީ އެއީ، އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވައިދުގައި ބަޔާންކުރާ އިމްތިޙާނުތައް ފުރިހަމަކުރުމަކާ ނުލައި، އެއްގަމު އުޅަނދު ދުއްވަން ބޭނުންވާ 60 އަހަރުން މަތީގެ މީހުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި އެ ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވޔމަށް ގަވައިދުގެ ތެރެއިން ފަސޭހަކޮށްދީ މަގު ފަހުކޮށްދިނުމަށް ހިމެނި އިސްލާހެއް ކަމަށެވެ.

އެހެންކަމުން، އިސްރަށްވެހިންނަށް ގަވައިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ގޮތަށް މިނިސްޓްރީން ގެނެސްފައިވާ ފަސޭހަ ހެޔޮ ބަދަލުގެ މަގުސަދު ގެއްލި މައުލޫމާތު އޮޅޭނެ ފަދައިން އެއްވެސް ފަރާތަކުން ޕޯސްޓަރުތަކާ އާޓިކަލްތައް ދައުރުނުކުރުމަށް އިލްތިމާސްކުރަން ޓްރާންސްޕޯޓު މިނިސްޓްރީ

އެ އިސްލާހުގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ހަދާ ޑްރައިވިން އިމްތިހާނުގެ ބަދަލުގައި، ތަމްރީނު ޕްރޮގްރާމަކުން ލައިސަންސް ލިބޭނެއެވެ. އެ ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ދުއްވުމަށެވެ.

އެ ލައިސަންސް ބޭނުންކުރެވެނީ އެ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށުގައި އެކަންޏެވެ. އަދި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގައެވެ.

އެ ލައިސަންސްގެ މުއްދަތަކީ 10 އަހަރު ކަމަށްވާއިރު، ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އައުކުރުމުގެ އިޚުތިޔާރު ލިބިގެންނުވާ ކަމަށް ގަވައިދުގައިވެއެވެ. ނަމަވެސް ތަމްރީނު ޕްރޮގްރާމް އަލުން ފުރިހަމަ ކުރުމަށްފަހު އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް