ނެހާއާއި ޓޮނީއާ އޮތް އެއްބަނޑުއެއްބަފާ ގުޅުން ކަނޑާލައިފި ކަމަށް ސޯނޫ ބުނެފި

ސޯނޫ ކައްކަރު ދެ ބެއިން ނެހާ އަދި ޓޮނީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނެހާ ކައްކަރުއާއި ޓޮނީ ކައްކަރާ އެކު އޮތް އާއިލީ ގުޅުން ކަނޑާލައިފި ކަމަށް ދެބެއިންގެ ދައްތަ ސޯނޫ ކައްކަރު ބުނެފިއެވެ.

ދެ ބެއިންނާ އެކު އޮތް އާއިލީ ގުޅުން ކަނޑާލި ކަމަށް ބުނެ ސޯނޫ ވަނީ އެކަން އަމިއްލަ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ. ސޯނޫއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް ލަވަކިޔައިދިނުމުގެ އިތުރުން ސައުތު ސިނަމާގެ ވެސް ވަރަށް ގިނަ ފިލްމުތަކަކަށް ލަވަ ކިޔައިދީފައިވާ ލަވަކިޔުންތެރިއެކެވެ.

މީގެ އިތުރުން، ސޯނޫއަކީ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ 'އިންޑިއަން އައިޑޮލް 12' އަދި ޒީޕަންޖާބްއިން ގެނެސްދިން 'ސަ ރެ ގަމަ ޕާ ޕަންޖާބީ'ގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.

ސޯނޫ ކައްކަރު ދެ ބެއިން ނެހާ އަދި ޓޮނީއާ އެކު ލަވަ އައިޓަމެއް ހުށަހަޅައިދެނީ--ފޮޓޯ/ފިލްމުފެއަ

ލަވަކިޔުމުގެ އިތުރުން ސޯނޫއަކީ ކުޅަދާނަ ޅެންވެރިއެއް ވެސް މެއެވެ. ސޯނޫގެ މިއުޒިކް ކެރިއަރުގެ ވަރަށް ގިނަ ލަވަތަކަކީ އަމިއްލައަށް އޭގެ ލިރިކްސް ތައްޔާރުކޮށްފައިވާ ލަވަތަކެކެވެ.

ސޯނޫގެ ސޯޝަލް މީޑިއާ ޕޯސްޓާ އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު ދާދިފަހުން ޓޮނީ ކައްކަރުގެ އުފަންދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ހަފުލާގައި ވެސް ސޯނޫ ކައްކަރު ބައިވެރިވެފައެއް ނުވެއެވެ. އޭރު ވެސް ދެބެއިންގެ މެދުގައި ކޮންމެ ވެސް ކަހަލަ މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން އައީ ބުނަމުންނެވެ.

ސޯނޫގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވަނީ، އިންޑިއާގެ މަޝްހޫރު ސުޕަސްޓާ ލަވަކިޔުންތެރިން ކަމަށްވާ ނެހާ ކައްކަރުއާއި ޓޮނީ ކައްކަރާ އެކު އޮތް އާއިލާ ގުޅުން ކަނޑާލާފައިވާ ކަމަށެވެ.

މީގެ ފަހުން ސޯނޫއަކީ އެ ދެބެއިންގެ ދައްތައެއް ނޫން ކަމަށާއި އެ ނިންމުމަކީ ޚުދު ސޯނޫގެ އަމިއްލަ ނިންމުމެއް ކަމަށާއި އެއީ ވަރަށް ހިތްދަތި ނިންމަން އެހާމެ ހިތަށް އުނދަގޫވި ނިންމުމެއް ކަމަށް ސޯނޫގެ ސޯޝަލްމީޑިއާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ނަމަވެސް، ނެހާއާއި ޓޮނީއާ ގުޅުން ކަނޑާލީ ކީއްވެގެން ކަމެއް މި ޕޯސްޓުގައި ހާމަކޮށްފައެއް ނުވެއެވެ.

މިއީ ޕަބްލިކް ސްޓަންޓެއް ކަމަށް ބައެއް މީހުން ސިފަކޮށްފައިވާއިރު އަމިއްލައަށް ގުޅުން ކަނޑާލިއަސް އެއްބަނޑުއެއްބަފާކަމުގެ ގުޅުން ނުކެނޑޭނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

އާއިލާގެ ބައެއް މެންބަރުންނާ ގުޅުން ކަނޑާލިކަން ސޯނޫ އިއުލާނުކޮށްފައިވާއިރު މީގެ ދުވަސްތަކެއް ކުރިން އިންޑިއާގެ ލަވަކިޔުންތެރިޔާ އަމާލް މަލިކް ވެސް ވަނީ އާއިލާއާ އެކު އޮތް ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް