ސަނީގެ ފިލްމުތައް ސްޓީރިމިންގް ޕްލެޓްފޯމްތަކަށް

ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްވުމަކީ އެކްޓަރަށް މުޅިން އާ ތަޖުރިބާއެއް ކަމަށް އެކްޓަރު ބުނެފިއެވެ.

މިއަދު ސިނަމާތަކުގައި ރިލީޒްކުރި އެކްޝަން ތުރިލަ ފިލްމު "ޖާތު"ގެ އެކްޓަރުގެ ކުރިއަށްހުރި އޯޓީޓީ ފިލްމުތަކުގެތެރޭގައި ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ބޯޑާ 2" ހިމެނެއެވެ. ފިލްމު "ބޯޑާ 2" އެއީ 1997 ވަނަ އަހަރު ރިލީޒްވި ސަނީގެ މަގުބޫލު ފިލްމު "ބޯޑާ"ގެ ސީކުއަލްއެކެވެ.

ފިލްމު "ގަދަރު 2"އަށް ލިބުނު ތަރުހީބާއެކު އުމުރުން 67 އަހަރުގެ އެކްޓަރު ބުނެފައި ވަނީ ސްޓްރީމިންގް ސްޕޭސްގައި ރިލީޒްކުރާ ފިލްމުތަކުގެ ތަޖުރިބާއަށް ތައްޔާރަށް ހުރި ކަމަށެވެ.

ސަނީގެ ފިލްމު "ޖާތް"ގެ މަންޒަރެއްގައި އެކްޓަރު ރަންދީޕް ހުޑާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ގާތަކް"، "އަރުޖުން" އަދި "ދާމިނީ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އެކްޝަން އެކްޓަރު ފިލްމީ ދާއިރާއަށް އެނބުރި އައީ 2001ވަނަ އަހަރު ރިލީޒްކުރި ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ގަދަރު އޭކް ޕްރޭމް ކަތާ"ގެ ސީކުއަލްއާ އެކުއެވެ.

ފިލްމީ ކެރިއަރުގައި 42 އަހަރު ކަޑައްތުކޮށްފައިވާ ސަނީ ބުނެފައި ވަނީ ސްޓްރީމިންގްއަށް ދޫކޮށްލާ ސަނީގެ ފިލްމުތަކަކީ ސިލްވަ ސްކްރީނަށް އެކަށީގެންވާ ފިލްމުތައް ނޫން ކަމަށެވެ.

މިހާރަކަށް އައިސް އޯޑިއަންސްގެ ތެރެއިން ގިނަ ބަޔަކު ފިލްމު ބަލާ އެކި ޕްލެޓްފޯމްތައް ހުރިއިރު ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުމަކީ މައްސަލައެއް ނޫން ކަމަށް ސަނީ ވަނީ ބުނެފައެވެ.

ހަމައެއާއެކު ސިނަމާ ހޯލްގައި ސަނީގެ ފިލްމުތައް ބެލުމުގެ ފުރުސަތު ނުލިބުނު މި ޖީލުގެ ޒުވާނުންނަށް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ސަނީގެ ފިލްމުތައް މިހާރު ބެލުމުގެ ފުރުސަތު އޮތުމަކީ ވެސް ވަރަށް އުފާވާ ކަމެއްގެ ގޮތުގައި ސަނީ ވަނީ ސިފަކޮށްފައެވެ.

ސަނީ އަންނަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުން އުފައްދާ ބައެއް ޕްރޮޖެކްޓަތަކާ ގުޅޭ މަޝްވަރާތައް ކުރަމުން ކަމަށާއި ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެނަމަ ޑިޖިޓަލް ކޮންޓެންޓްތަކުން ކުރިމަގުގައި ތަންކޮޅެއް ގިނައިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަނީ ވަނީ ބުނެފައެވެ.

މިއަދު ރިލީޒްކުރި ފިލްމު "ޖާތް"އަކީ ސަނީ ސައުތު ސިނަމާގެ ޑައިރެކްޓަރަކާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. މި ފިލްމުގެ މުހިއްމު ރޯލްތަކުން ބަތަލާ ސައްޔާމީ ހޭރު އަދި ރަންދީޕް ހުޑާ ފެންނާނެއެވެ.

comment ކޮމެންޓް