''ލޭގައި ފަތަމުންދާ'' ޣައްޒާގެ ތުއްތު ކުދިން އިންޑޮނީޝިއާއަށް ގެންދެވޭތޯ ބަލަނީ

އިންޑޮނީޝިއާގެ ރައީސް

ޖަކާޓާ (9 އެޕްރީލް 2025): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހައްދުން ނައްޓައި އެއަނިޔާތައް ބަލަން އިންސާނުންގެ ހިތަށް ކުޅަދާނަ ނުވެ ހިތް ފަޅައިގެންދާ ހިސާބަށް ކަންތައްތައް ގޮސްފައިވާތީ ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވެ ލޭ އޮހެރުމުންދާ ފަލަސްތީނުގެ ތުއްތު ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އިންޑޮނީޝިއާއަށް ގެންދަން ތައްޔާރަށް ހުންނެވިކަމަށް އެގައުމުގެ ރައީސް ބްރްބޯވޯ ސުބިތާނޯ ވިދާޅުވެއްޖެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ހުއްޓުވޭނެ ގޮތަކާބެހޭގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ދަތުރުފުޅެއް ފައްޓަވަމުން ދެއްވި ބަޔާނެއްގައި ސުބިތާނޯ ޣައްޒާގައި އާރެއް ބާރެއް އަދި ހަތިޔާރެއްނެތް އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހައްދުންނައްޓާފައިވާ ކަމަށާ މިކަން ނުހުއްޓުވައި ބަލަން ތިބުމަކީ މުޅި އިންސާނިއްޔަތަށް ހުރި ލަދުވެތި ކަމެއްކަމުގައެވެ.

ސުބިތާނޯ ވިދާޅުވިގޮތުގައި ޣައްޒާގެ ރައްޔިތުން ބޭސްފަރުވާއަށްވެސް އެމީހުންގެ ވަޒަނުން ބޭރުވުމަށްފަހު އަނބުރައި ވަޒަނަށް ދިޔުމުގެ ފުރުސަތު އިސްރާއީލުން ނުދޭނެކަމުގެ ބިރަކީ ހަގީގީ ބިރެއްކަމުގައެވެ. އެހެން ނަމަވެސް އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވެ މަރާ ހަނގުރާމަކުރާ އަންހެނުންނާއި ކުޑަކުދިން މަރުވާތަން ބަލަންތިބުމަކީވެސް ކެތްކުރެވޭ ވަރުގެ ކަމެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޣައްޒާގެ ކުދިން

ސުބިތާނޯ ވިދާޅުވިގޮތުގައި އެކި މަރުހަލާތަކަށް ބަހާލައިގެން ކޮންމެ މަރުހަލާއެއްގައި ޣައްޒާގެ ބަލިމީހުންނާއި އިސްރާއީލުން ޒަޚަމްކޮށްލުމުގެ ސަބަބުން ލޭ އޮހެރެމުންދާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހާހެއްހާ މީހުން އިންޑޮނީޝިއާ އަށް ގެންދެވިދާނެއެވެ. ގެންގޮސް އެމީހުންނަށް ފަރުވާދީ ހަމައަކަށް އެޅެންދެން އެމީހުންގެ ހުރިހާ ކަމަކާ ހަވާލުވާން އިންޑޮނީޝިއާގެ ސަރުކާރު އޮތީ ތައްޔާރަށެވެ.

އިންޑޮނީޝިއާ ގެ ޕާލަމެންޓުން ގެންދަނީ އިސްރާއީލާ މުއާމަލާތް ކުރުމާއި އިސްރާއީލުގެ އުފެއްދުންތައް ގަތުމަކީ އަދަބު ދެވޭ ޖަރީމާއެއްކަމަށް ހެދުމުގެ ގާނޫނެއް ފާސްކުރުމާބެހޭ ބިލަކާބެހޭގޮތުން ބަހުސް ކުރަމުންނެވެ.

ޣައްޒާގެ އާންމުންގެ ހައްގުގައި އިންޑޮނީޝިއާގެ އާންމުން ވަރަށް ގިނައިން އިސްރާއީލާ އަދި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ އެމެރިކާ އާ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުން ގެންދެއެވެ.

ޣައްޒާގެ ކުދިން

ސުބިތާނޯ ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލުން ޔަތީމް ކޮށްލާފައިވާ ފަލަސްތީނުގެ ތުއްތު ކުދިން އިންޑޮނީޝިއާއަށް ގެނަސް ބަލައި ބޮޑު ކުރުމަށްވެސް އިންޑޮނީޝިއާ އޮތީ ތައްޔާރަށެވެ. ނަމަވެސް ބިރަކީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް އެމެރިކާއާއި އިސްރާއީލު ހިންގާ ނަސްލު ސާފުކުރުމުގެ ޖަރީމާއަށް މިކަމުގެ ސަބަބުން އެހީތެރި ވެވިދާނެކަމުގެ ބިރެވެ. އިންޑޮނީއަށް ގެންނަ ޣައްޒާގެ ޔަތީމް ކުދިން އަނބުރައި އެމީހުންގެ ވަޒަނަށް ދިޔުމަށް އިސްރާއީލުން ހުރަސް އަޅާނެކަމުގެ ބިރެވެ.

އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުން ކަތިލައި އެމީހުން މަރައި ހުސްކުރުމުގެ ވަރަށް އަނިޔާވެރި ގަތުލުއާންމުތަކެއް އެމެރިކާއާއި ޔޫރަޕްގެ އެހީގައި ހިންގަމުންނެވެ. އިންދޮނީޝިއާގެ ރައީސް ބްރްބޯވޯ ސުބިތާނޯ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހިމެނެނީ ތުރުކީ، މިސްރު އަދި ގަތަރެވެ.

އިސްރާއީލުން ގަސްދުގައި އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާގެ އާންމުންނަށް ހަމަލާދީ އާންމުން މަރައި އާންމުން ޒަޚަމްކުރަނީ ޣައްޒާގެ އާންމުން އުޅެންޖެހިފައިވާ މި ވޭންދެނިވި ހާލަުފެނިގެން ދުނިޔޭގެ ގައުމުތަކުން ޣައްޒާގެ ރައްޔިތުން އެގައުމުތަކަށް ގެންގޮސް ޣައްޒާ ހުސްކުރާނެކަމަށް ބަލައިގެން އެ ސްޓްރެޓެޖީގެ ދަށުންކަމަށް އިސްރާއީލުގެ ވައިގެ ސިފައިންގެ ކުރީގެ އޮފްސަރަކު ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު