ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ އަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ރޭ މި ރެއިޑު ކުރިއަށް ގެންދިޔައީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓަކައި ޓާސްކް ފޯހުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
މި ކަމާ ގުޅޭ އިތުރު ތަފުސީލެއް އިމިގްރޭޝަނުން ދީފައެއް ނުވެއެވެ.
ހޯމްލޭންޑް މިނިސްޓްރީން ވަނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ބުނެފައެވެ.
އެގޮތުން މިހާތަނަށް 6،076 އަށްވުރެ ގިނަ ބިދޭސީން މިހާރު އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ވެސް މިނިސްޓްރީން ހަރަކާތެއް ކުރިއަށްގެންދާއިރު އެ ހަރަކާތުގެ ތެރެއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައި ވާކަމަށް ހޯމްލޭންޑް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.