'ސީއައިޑީ'ގެ ކެރެކްޓާ އޭސީޕީ ޕްރަދިއުމަން މަރުވާނެކަން ކުރިން ނާންގާ: ޝިވާޖީ

"ސީއައިޑީ"ގެ ކެރެކްޓާ އޭސީޕީ ޕްރަދިއުމަން ކެރެކްޓާ ކުޅޭ އެކްޓަރު ޝިވާޖީ ސަތަމް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ސޮނީ ޓީވީއިން ގެނެސްދޭ މަގުބޫލު ޓީވީ ޝޯ "ސީއައިޑީ"ގެ ކެރެކްޓާ އޭސީޕީ ޕްރަދިއުމަން މަރުވާނެކަން ކުރިން އަންގާފައިނުވާ ކަމަށް އެ ކެރެކްޓާ ކުޅޭ އެކްޓަރު ޝިވާޖީ ސަތަމް ބުނެފިއެވެ.

ސޮނީ ޓީވީގެ އެންމެ މަގުބޫލު ތުރިލާ ޝޯ ކަމަށްވާ "ސީއައިޑީ"ގެ ކުރިއަށްހުރި އެޕިސޯޑަކުން އޭސީޕީ ޕްރަދިއުމަން މަރުވާން އުޅޭ ހާދިސާއް ފެންނާނެ ކަމަށާއި އެ ކެރެކްޓާ އަކީ ހަނދާނުން ފޮހެލަން ދަތި ކެރެކްޓާއެއް ކަމަށް ސޮނީއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އޭސީޕީ ޕްރަދިއުމަންގެ ރޯލް ކުޅޭ އެކްޓަރު ޝިވާޖީ ދާދިފަހުން މިޑްޑޭއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އޭނާގެ ކެރެކްޓާ ޝޯއިން ވަކިވާން އުޅޭކަން އެނގިފައިނުވާ ކަމަށެވެ.

"ސީއައިޑީ"ގެ އާ އޭސީޕީގެ ރޯލް ކުޅޭ އެކްޓަރު ޕާތު--ފޮޓޯ/މިޑްޑޭ

މިވަގުތު އާއިލާއާ އެކު ޗުއްޓީ ދަތުރެއްގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން އަންނަ ޝިވާޖީ ބުނީ "ސީއައިޑީ"ގެ ކުރިއަށްހުރި އެޕިސޯޑުތަކުގެ ޝޫޓިންގް ތާވަލާ ބެހޭގޮތުން ސޮނީއިން އެކްޓަރަށް ވަކި އެއްޗެއް އަންގާފައި ނުވާކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ސީއައިޑީ"ގެ އާ އޭސީޕީގެ ރޯލަށް ސޮނީއިން ވަނީ އިންޑިއާގެ ޓެލެވިޒަން އެކްޓަރު ޕާތު ސަމްތާން ހަމަޖައްސާފައެވެ.

އިންޑިއާގެ ޓީވީ ޗެނަލް އާޖް ތަކްއަށް އެކްޓަރު ޕާތު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ޝޯގައި އޭނާ ފެންނާނީ އޭސީޕީ އަޔުޝްމާން ކިޔާ ކެރެކްޓާއަކުން ކަމަށެވެ.

އުމުރުން 34 އަހަރުގެ ޕާތު ސަމްތާން އެނބުރި ޓެލެވިޒަން ޝޯއަކަށް އަންނަނީ ޓެލެވިޒަން ޝޯއަކުން ނުފެންނަތާ ފަސް އަހަރު ފަހުންނެވެ. ޕާތު ބުނެފައި ވަނީ "ސީއައިޑީ"ގައި ކުޅެން ލިބުނު ކެރެކްޓާ އަކީ އާ ކެރެކްޓާއަކަށް ވިޔަސް ހަގީގަތުގައި އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

ޝިވާޖީ ފަދަ ތަޖުރިބާކާރު އެކްޓަރެއްގެ ރޯލަކީ ފަސޭހަ ރޯލަކަށް ނުވާނެ ކަމަށާއި ނަމަވެސް އޭނާ ބެލުންތެރިން މާޔޫސްކޮށްނުލާނެ ކަމަށް ޕާތު ވަނީ ބުނެފައެވެ.

މިހާތަނަށް އިންޑިއާގައި އެންމެ ގިނަ އެޕިސޯޑު ދައްކަމުން އަންނަ ޓެލެވިޒަން ޝޯ ދައްކާތާ 20 އަހަރުވެފައިވާއިރު މިހާތަނަށް މި ޝޯގެ 1،547 އެޕިސޯޑު ވަނީ ދައްކާފައެވެ.

comment ކޮމެންޓް